ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ލީޑަރުގެ މަގާމު އުވާލައި، އެ ޕާޓީގެ އެންމެ އިސް މަގާމަށް ރައީސަކު އައްޔަންކުރާ ގޮތަށް ޕާޓީގެ ގަވައިދު އިސްލާހުކުރަންް ހުށަހަޅައިފިއެވެ.

މ. ކުނޫޒުގައި މިއަދު ބޭއްވި ޖޭޕީގެ 148 ވަނަ ކައުންސިލް ބައްދަލުވުމުގައިވަނީ، އެ ޕާޓީގެ އަސާސީ ގަވައިދަށް އިސްލާހުތަކެއް ގެނައުމަށް ހުށަހަޅައިފައެވެ. އަދި އެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް ވަނީ ފާސްކޮށްފައެވެ.

ކައުންސިލް ބައްދަލުވުމަށްވެސް ވަނީ ބައެއް އިސްލާހުތައް ހުށަހަޅައި އެ އިސްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން ޕާޓީގެ ލީޑަރުުގެ މަގާމު އުވައިލުމަށް އިސްލާހެއް ހުށަހަޅާފައިވެއެވެ.

"އަސާސީ ގަވައިދަށް އިސްލާހުތަކެއް އަންނަނާނެ. ޖުމްހޫރީ ޕާޓީގެ ރީޕޯމުގެ ބައެއް ކަންކަން ހުށަހަޅާފަ އެބަހުރި" ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު "ވަން" އަށް މިއަދު ވިދާޅުވިއެވެ.

ޖޭޕީގެ ލީޑަރުގެ މަގާމު އުވާލައި، ޕާޓީގެ އެންމެ އިސް މަގާމުގެ ގޮތުގައި ރައީސަކު އައްޔަންކުރަން ހުށަހަޅާފައިވާއިރު، އެ ޕާޓީ ވުޖޫދުވީއްސުރެ ލީޑަރުގެ މަގާމު ފުރުއްވަމުން ގެންދަވަނީ ގާސިމް އިބްރާހިމް އެވެ. ލީޑަރުގެ މަގާމު އުވާލުމުން، ރައީސްގެ މަގާމު ފުރުއްވަން ގާސިމް ބޭނުންފުޅުވާނަމަ އެމަގާމަށް އެމަނިކުފާނުވެސް ޖެހިވަޑައިގަންނަވާނީ ކުރިމަތިލައްވާށެވެ.

ޖޭޕީގެ ރައީސްކަމުގައި މިހާރު ހުންނެވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

މިއަދުގެ ކައުންސިލް ބައްދަލުވުމުގައިވަނީ، ޖޭޕީގެ ގައުމީ ޖަލްސާ މިމަހުގެ 23-26 އަށް ދަރުބާރުގޭގައި ބޭއްވުމަށްވެސް ފާސްކޮށްފައެވެ. ނަމަވެސް ގައުމީ ޖަލްސާގެ ރަސްމީ ބައި ކުރިއަށްގެންދާނި 24 ވަނަ ދުވަހާއި 25 ވަނަ ދުވަހުއެވެ. އެ ޖަލްސާގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމާނެ ކައުންސިލް އިންތިހާބުކުރާނެ އެވެ.

ޖޭޕީގެ ގައުމީ ޖަލްސާގައި ބައިވެރިވާނީ އެޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނާއި މިހާރު އެ ޕާޓީގެ ކައުންސިލްގައި ތިބި މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނެވެ.

ޖޭޕީން ވަނީ ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ދައްކާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.

ރާއްޖޭގެ ޑިމޮކްރަސީ ހަޔާތުގައި ބޭއްވި ތިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައިވެސް ޖޭޕީގެ ހިއްސާ އޮތެވެ. އެ ޕާޓީން ވަނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފައެވެ.