Close
ޚަބަރު

ފުލެޓު ދިނުމަށް ވަކި ބައެއްގެ ލިސްޓެއް ނޯންނާނެ، އެއީ ހަގީގަތެއްނެތް ވާހަކައެއް: އަސްލަމް

އިބްރާހިމް ޒަކީ

1

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ފުލެޓް ދިމުގެ ޕްރޮގްރާމްގެ ތެރެއިން، ފުލެޓު ދިނުމަށް ވަކި ބައެއްގެ ލިސްޓެއް ނޯންނާނެ، ކަމަށާއި، އެހެން ކިޔައިގެން ދައްކާ ވާހައަކީ ހަގީގަތެއް ނޫންކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން އިންތި ވިދާޅުވީ، ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ގެންދާ ޕްރޮގްރާމްގެ ދަށުން އެކަން ކުރައްވާނީ، އެބޭފުޅުން ގެންގުޅުއްވާ ވަކި ލިސްޓަކަށް ކަމަށް ވިދާޅުވެ، ސަރުކާރަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މާލެ ތެރޭގައި ހަބަރު ފަތުރަމުންދާ ކަމަށެވެ. އެހެންކަމުން އެއީ ތެދެއްތޯ، އިންތި ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އެކަން ކުރުމުގައި ވަކި ބޭފުޅުންކޮޅެއް ބޭނުންފުޅުވާ ލިސްޓެއް ނޯންނާނެ ކަމަށެވެ. އަދި "އަޅުގަނޑަކަށް ނޭނގެ ބޭފުޅުން އެގޮތަށް ވާހަކަ ދައްކާ ކަމެއްވެސް އަދި އަޅުގަނޑަކަށް އެކަން އެނގިފައެއްވެސް ނެތް، އެކަހަލަ ވާހަކައެއް އަޑެއްވެސް ނާހަން،" ކަމަށްވެސް ވިދާޅުވިއެވެ.

އެފަދަ ވާހަކައެއް އެބޭފުޅުން ދެއްކެވިޔަސް އެއީ ހަގީގަތެއް އޮތް ވާހަކައެއްނޫން ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި "އިއްޒަތްތެރި މެންބަރު ނޫން އެހެން ބޭފުޅަކު އެވާހަކަ ދެއްކެވި ކަމުގައިވީނަމަވެސް އެއީ ހަގީގަތެއްނޫން،" ކަމަށްވެސް ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ "ވިނަރެސް" އެޕާޓްމަންޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު މިހާރު ވަނީ އާއްމު ކޮށްފައެވެ. ގެދޮރުވެރިޔާ ޕްރޮޖެކްޓްގެ ދަށުން ފޭސް ދޭއްގައި ހަދާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު މާޗްމަސް ނިމުމުގެ ކުރިން އާއްމު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟