Close
ޚަބަރު

ޝަރީފް މަޖިލިސް ރައީސަށް: ވަޒީރުން މަޖިލީހަށް ހާޒިރުކޮށްގެން ރޭރުކޮށް ހޭރުވުން އާންމުވެއްޖެ!

އިބްރާހިމް ޒަކީ

ސުވާލު ކުރުމުގެ ގޮތުން، ސަރުކާރުގެ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ރޭރުކޮށް ހޭރުވުން އާންމުވެއްޖެކަމަށް، ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

އެހެން ވިދާޅުވެ ޝަރީފް މަޖިލިސް ރައީސަށް ރައްދު ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، މާލޭގެ މަގުތައް ހަދާއިރު، ގަސްތައް ކަނޑާ މައްސަލައިގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާ، ސުވާލު ކުރެއްވުމުގެ ތެރެއިން ހިނގައި ދިޔަ މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ އުފެދުނީ، އިތުރު ސުވާލު ކުރެއްވުމުގެ ވަގުތުގައި، ހަސަން ލަތީފު ކުރެއްވި ސުވާލުތަކަށް މިނިސްޓަރު ޖަވާބުދެއްވުމާ ގުޅިގެން، ނިޒާމީ ނުކުތާ ނަންގަވައި، އޭނާ ކުރެއްވި ބައެއް ސުވާލުތަކަށް މިނިސްޓަރު ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވުމުންނެވެ.

ހަސަންލަތީފް ވިދާޅުވީ، އަމީނީމަގުގެ މަސައްކަތް ކުރަމުން ދަނީ ކޮންސަލްޓެންޓުގެ ލަފަޔާ އެއްގޮތަށްތޯ، ކުރި ސުވާލާއި މާލޭގައި ހަދަން ކަނޑައަޅާފައިވާ މަގުތައް ހެދުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާރު ރާއްޖެ ގެނެވިއްޖެތޯ، ކުރި ސުވާލަށް މިނިސްޓަރު ސާފު ޖަވާބު ނުދެއްވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ މިދައުރު ނިމޭއިރު ހަދާ ނިންމަން ރާވާފައި ވަނީ ކިތައް މަގުތޯ، އޮޅުންފިލުވަން ކުރި ސުވާލަށް ވެސް މިނިސްޓަރު ސާފު ޖަވާބު، ނުދެއްވާ ކަމަށެވެ.

ހަސަން ލަތީފުގެ ނިޒާމީ ނުގުތާއާ ގުޅިގެން މަޖިލިސް ރައީސް މިނިސްޓަރު އަސްލަމަށް ވިދާޅުވީ، "މެންބަރުން ކުރައްވާ ސުވާލުތަކަށް ސާފު ޖަވާބެއް، ސާފުކޮށްދެއްވުން އެދެން، އިތުރު ވާހަކަތައް މަދު ކުރެއްވުން، ސާފު ޖަވާބަކަށް އަޅުގަނޑުމެން އެދެނީ،" ކަމަށެވެ.

މަޖިލިސް ރައީސް އެހެން ވިދާޅުވުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ގާބިލުކަން ހުރި މިންވަރަކުން ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދަވާ ކަމަށެވެ.

އަސްލަމްގެ ޖަވާބާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، "ނޫން ވަޒީރު ޖަވާބު ދިނުމުގައި ތެދު ޖަވާބު ސާފުކޮށް ދެއްވީމަ ނިމުނީ، މަނިކުފާނުގެ ގާބިލުކަން މިކަމުގެ ތެރެއަށް ވަނުން އެއީކީއެއް އެހާ ބޭނުންތެރިކަމެއްނޫން،" ކަމަށެވެ.

އެހިސާބުން، މަޖިލިސް ރައީސް އެ ވިދާޅުވި އެއްޗެއްސަށް ރައްދު ދޭން ބޭނުން ނުވާކަމަށް ވިދާޅުވެ، ހަސަން ލަތީފުގެ ސުވާލުތަކަށް މިނިސްޓަރު އަސްލަމް ޖަވާބު ދެއްވަން ފެއްޓެވިއެވެ.

ނަމަވެސް އެހިސާބުން މެންބަރު ޝަރީފް ނިޒާމީ ނުކުތާ ނެންގެވިއެވެ. ވިދާޅުވީ، ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ހާރުވައި ރޭރުކުރަން އުޅޭކަން މި ފަހަކަށް އައިސް ވަަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަމަށެވެ. "މިފަހަކަށް އައިސް ވަރަށް ބޮޑަށް ފާހަގަކުރެވޭކަމެއް، މަޖިލީހަށް ވަޒީރުން ގެނެސް ހާރުވައި ރޭރު ކުރައްވަން އުޅުއްވުން،"

ޝަރީފްގެ އެ ނިޒާމީ މައްސަލައަށް ޖަވާބު ދެއްވުމުގެ ބަދަލުގައި، ޝުކުރިއްޔާއޭ ވިދާޅުވުމަށްފަހު، ވާހަކަ ކުރިއަށް ގެންދެވުމަށް މިނިސްޓަރު އަސްލަމަށް މަޖިލިސް ރައީސް އިޝާރާތް ކުރެއްވިއެވެ.

އޭގެ ފަހުންވެސް ޝަރީފް މަޖިލިސް ރައީސަށް ނިސްބަތްކުރައްވައި ވާހަކަތަކެއް ދެއްކެވިއެވެ. ނަމަވެސް ވިދާޅުވީ ކޮން ވާހަކަތަކެއްކަމެއް ސާފެއް ނުވެއެވެ. އެ ވާހަކަތަކާ ގުޅިގެން ޖަވާބުގައި ނުވަތަ ރައްދުގައި މަޖިލިސް ރައީސް ވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.