މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މެންބަރުކަމުގެ، މަގާމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ހަތަރު ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް މަޖިލީހުގެ ރުހުން ދިނުމަށް އެދި ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅު، އަމީން އާއްމު މިއަދުގެ ޖަލްސާގައި މަޖިލީހަށް އިއްވެވުމުން މަޖިލިސް ރައީސް މުހައްމަދު ނަޝިދު ވިދާޅުވީ، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް، މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.

  • އައިމިނަތު ނުޒުހާ ރިވޯޑޫ ހއ. ހޯރަފުށި
  • ހުސެއިން އަމްރު ވ. ރޯޝަން
  • ޝާން ސޯލިހު މުހައްމަދު ފިނިވާދީ ދ. ކުޑަހުވަދޫ
  • މަރިޔަމް ނަރީމާން ޝަރީފް މުޝްތަރީގެ ގދ. ތިނަދޫ
  • މަރިޔަމް މުނާ ބޯގަންވިލާ ސ. ފޭދޫ

ބްރޯޑްކޮމުގެ މެންބަރުގެ މަގާމެއް ހުސްވީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.