އިއްޔެ ހަވީރު ކުޅުނު އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށްފަހު ސަޕޯޓަރުންގެ ފަރާތުން ހިންގި ހަމަނުޖެހުން އެޑިއުކޭޝަން މިނިސްޓްރީން ކުށްވެރިކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރީ ކ. ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލެވެ. އެ މެޗު ކަލާފާނުން 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، މެޗު ނިމުމުން ގުރައިދޫގެ ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދީފައިވެއެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު، އެފްއޭއެމްގެ ފަރާތުން މައްސަލަ ބަލަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ސްކޫލް ކުދިންގެ މުބާރާތެއްގައި އެފަދަ މަންޒަރެއް ފެނިފައިވުމާއެކު އާންމުންގެ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މިއަދު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިއްޔެގެ ސެމީ ފައިނަލް މެޗަށްފަހު ސަޕޯޓަރުންގެ ފަރާތުން ހިނގައިދިޔައީ ކުޅިވަރުގެ ރޫހާ މުޅިން ހިލާފު ކަމެއް ކަމަށާއި، އެފަދަ މަންޒަރުތައް ބެލެނިވެރިންނާއި ސަޕޯޓަރުންވެސް ދަރިވަރުން ކުރިމަތީގައި ތަކުރާރު ނުކުރުމަށް އެދޭ ކަމަށެވެ.
މިނިސްޓްރީން ފާހަގަކޮށްފައިވަނީ އިންޓަ ސްކޫލުގެ މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ކިބައިގައި އިޖުތިމާއި އަދި އަހުލާގީ ރިވެތި ސިފަތައް އަށަގެންނެވުން ކަމަށާއި، މުބާރާތްތަކުގައި އެކިއެކި ގޮތްގޮތުން ބައިވެރިވާ ފަރާތްތަކުންވެސް ނަމޫނާ ދެއްކުން އެދޭ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ އިއްޔެގެ މެޗަށްފަހު ހިނގާ ދިޔަ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ދަރިވަރުންގެ ކުރިމަތީގައި އެފަދަ އަމަލުތައް ތަކުރާރުނުކުރުމަށް ބެލެނިވެރިންނާއި ސަޕޯޓަރުންގެ ކިބައިން އެދޭ ކަމަށެވެ.
އިއްޔެގެ ހަމަނުޖެހުމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) "ވަން" އަށް ވިދާޅުވީ ރެފްރީއަށް ހަމަލާދޭން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މައްސަލަ ބަލައި ހަރުކަށި އަދަބު ދީ، ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ