ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން "ގެދޮރުވެރިކުރުން ޕްރޮގްރާމް" ގެ ދަށުން ދީފައިވާ ފްލެޓް ތަކުގެ މަހުކުލި ރީ ޝެޑިއުލް ކުރުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ މަހުކުލި ނުދެއްކި ހުރި ފަރާތްތަކުން ދައްކަން ޖެހޭ އައުޓްސްޓޭންޑިން އާއިއެކު ކުލީގެ ޕޭމަންޓް ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި މި މަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މަހުކުލި ރީޝެޑިއުލް ކުރަން ބޭނުންވާ ފަރާތްތަކުން ސިޓީއަކުން މިނިސްޓްރީއަށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން ޗައިނާ ސަރުކާރުގެ ލުއި ލޯނެއްގެ އެހީގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހެދި އެ ފްލެޓްތަކަކީ ތިން ކޮޓަރިއާއެކު އެޓޭޗްޑް ފާހާނާ ހިމެނޭ ފްލެޓްތަކެކެވެ. ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން އަތޮޅުތެރޭގެ ރަށްރަށުންވެސް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
"ވަން" އަށް ވާހަކަ ދައްކަވަމުން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ މަހުކުލި ރީޝެޑިއުލް ކުރުމަށް ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެ އާއި އަތޮޅުތެރެއިންވެސް ފްލެޓް ލިބިފައިވާ ފަރާތްތަކަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އެކި ސަބަބުތަކާ ހެދި ކުލި ނުދެއްކި ހުރި މަސްތަކަށް އަރާފައިވާ ޖޫރިމަނާ އާއި ނުދެއްކި ހުރި މަސްތަކުގެ ކުލި އެއްފަހަރާ ދައްކަން ޖެހުމުން އުފުލަން ޖެހޭ މާލީ ބުރަ ލުއިކޮށްދިނުމުގެ ގޮތުން ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު