ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުވެ ގެއްލުނު ހަޓޭސްޕޯގެ ފޯވަޑް ކްރިސްޓިއަން އަޓްސޫ އިމާރާތެއްގެ ދަށުން ފެނިއްޖެ ކަމަށް ނޫސްތައް ބުނެފިއެވެ.

އިތުބާރު ނޫސްތަކުން ބުނެފައި ވަނީ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއާއި ނިއުކާސަލަށް ކުޅުނު އަޓްސޫ ފެނުނު އިރު އަނިޔާތައް ހުރި ކަމަށާއި، މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމު ކަމަށެވެ. އަޓްސޫގެ ފަޔަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވުމުގެ އިތުރުން ނޭވާލާން އުނދަގޫތަކެއް ހުރި ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

ތުރުކީއާއި ސީރިއާގެ ސަރަހައްދަށް އިއްޔެ ބާރުގަދަ ބިންހެލުމެއް އައިސް، އެތައް އިމާރާތެއް ވެއްޓި، އެތައް ބަޔަކަށް އަނިޔާ ލިބިފައިވެއެވެ. ބިންހެލުމުގެ އަސަރު ތުރުކީއަށް 7.8 މެގްނެޓިއުޑްގެ ބާރުމިނުގައި ކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ. ތުރުކީގެ ގިނަ ބަޔަކު އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ އިރު، އެގައުމުގެ ކްލަބު، ހަޓޭސްޕޯގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބި އިމާރާތެއްވެސް ވަނީ ބިމާ ހަމަވެފައެވެ. އެ ކްލަބަކީ ކުރިން ޗެލްސީ އާއި ނިއުކާސަލްގެ އިތުރުން އެވަޓަން އާއި ބޯންމައުތު އަދި މަލާގާއަށްވެސް ކުޅުނު ގާނާގެ 31 އަހަރުގެ ފޯވަޑް އަޓްސޫވެސް ކުޅެމުން އަންނަ ކްލަބެވެ.

ރިޕޯޓުތައް ބުނެފައިވާ ގޮތުން އިމާރާތުގެ ދަށުވެ ނުފެނި ތިބީ އަޓްސޫ އާއި ސްޕޯޓިން ޑިރެކްޓަރު ޓާނާ ސަވުޓެވެ. އަޓްސޫ މިއަދުގެ ވަގުތެއްގައި ފެނިފައިވީ ނަމަވެސް ސްޕޯޓިން ޑިރެކްޓަރު ފެނުނު ކަމަކަށް ނޫސްތަކުން ބުއަދި ނެފައެއް ނުވެއެވެ. އަޓްސޫ ތުރުކީ ލީގަށް ބަދަލުވީ މިދިޔަ އަހަރުއެވެ. ތުރުކީގެ ކަހްރަމަންމަރާސް އަށް އިއްޔެގެ ވަގުތެއްގައި ބާރުގަދަ ދެ ބިންހެލުން އައިސްފައިވާ އިރު، މަރުވި މީހުންގެ އަދަދު މިހާރު 2000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ.