މަދަނީ މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް ބަޔާންކޮށް ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފިއެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވައި މިދިޔަ އާދިއްތަ ދުވަހު ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ ކޯޓަކުން ކުރާ ހުކުމެއްގައި ނުވަތަ އަމުރެއްގައި ނުވަތަ އެނޫންވެސް ނިންމުމެއްގައި، މުއްދަތު ގުނާއިރު، ހަތް ދުވަހަށްވުރެ ދިގު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނައި، އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންކަމަށެވެ.
ހަތް ދުވަހަށްވުރެ ކުރު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހާއި އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށްވެސް އެ ޕްރެކްޓިސް ޑައިރެކްޝަނެގައި ބަޔާންކުރެއެވެ.
މީގެ އިތުރުން މުއްދަތު ގުނާއިރު، ވަކިކަމެއް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައިވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރެވުނީ ކަމުގައި ބެލޭނެކަމަށާއި ވަކިކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ކަން ބަޔާންކޮށް ކޯޓުން އަންގާ އެންގުންތަކުގައި އެކަމެއް ފުރިހަމަކޮށް ކޯޓަށް ހުށަހަޅަން ޖެހޭ ތާރީހާއި ގަޑި ހިމަނަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުން މި އުސޫލު އެކުލަވައިލީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރުއީ ކޯޓުތަކުން އެއް އުސޫލަކުން އަމަލުކުރުމަށް ލާޒިމްކުރާތީ، ހުރިހާ ކޯޓެއްގައިވެސް މުއްދަތު ގުނާ ގޮތް އެއްގޮތްކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު