ނަފުސާނީ ބަލިތަކަށް ފަރުވާދޭނެ ހަރުދަނާ ސިޔާސަތެއް، ސަރުކާރުގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

ވަށައިޖެހޭ ސިޔާސަތުތަކެއްގެ ތެރެއިން ނަފުސާނީ ސިއްހަތާ ގުޅޭ ހިދުމަތްތައް ލިބޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމަށް ސަރުކާރަށް ގޮވާލައި އެމްއެންޕީގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަބްދުالله ރިޔާޒު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި، ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ، އެ ހިދުމަތް ރަނގަޅަށް ދެވެމުން ނުދާ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެއީ ރާއްޖެއަށް ދިމާވެފައިއޮތް އެންމެ ބޮޑު މައްސަލަތަކުގެ ތެރެއިން މައްސަލައެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ ކަންބޮޑުވުން ހިއްސާ ކުރައްވައި ނާޒިމު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގެ ކޮންމެ 8 މިހުންގެ ތެރެއިން އެކަކީ ނަފުސާނީ ބައްޔަށް ބޭސްކުރާ މިހަކަށް ވާއިރު، ރާއްޖޭގެ ކޮންމެ 4 މީހުންގެ ތެރެއިން އެކަކީ އެ ބައްޔަށް ބޭސްކުރާ މީހެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް "އަޅުގަނޑު މެންނަށް ފެނިގެނެއްނުދޭ ނަފުސާނީ ބަލިތަކަށް ވަށައިޖެހޭ ސިޔާސަތެއް އޮވެގެން އެކަމަށް، މަސައްކަތް ކުރަމުންދާ ތަނެއް، އަޅުގަނޑުމެނަށް ފެނިގެން މިދަނީ ކުއްލި ހައްލެއްގެ ގޮތުގައި އެކަމާބެހޭ ސެންޓަރެއް ހުޅުވައިގެން މަަސައްކަތް ކުރަމުންދިޔަތަން،" ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ނަފުސާނީ ބަލިތަކަށް ރަނގަޅު ފާރުވާ ލިބޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭ ކަމަށެވެ.

"އެހެން މިދެންނެވީ މިހާތަނަށް އަޅުގަނޑުމެނަށް އަދިވެސް ފެނިގެން މިދަނީ މިކަމާބެހޭ ފަރުވާ ހޯދުމަށްޓަކައި އެންމެ އެކަށީގެންވާގޮތެއްގައި އެހިދުމަތް ލިބެމުން ނުދާކަން، އާދެ އެފޯޑަބަލް ގޮތެއްގައި އެމީހުންނަށް އެކަށީގެންވާގޮތެއްގައި ފަރުދީ ހައިސިއްޔަތުންނާއި އަދި ބެލެނިވެރިން އެމީހުންގެ ދަރިން ތަންތަނަށް ގެންގޮސްގެން ދެއްކުމުގައިވެސް އެމީހުންނަށް އެންމެ އެކަށީގެންވާގޮތެއްގައި އެ ފަރުވާ ލިބެމުން ނުދާކަން ފާހަގަ ކުރެވޭ،"

ނާޒިމް ވިދާޅުވީ، މިދިޔަ ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ގާތްގަނޑަކް 60 ހާސް މީހުން ނަފްސާނީ ބަލިމަޑުކަމަށް ފަރުވާ ކުރަމުންދިޔަ ނަމަވެސް، އަދިވެސް ވަރަށްގިނަ އަަދަދެއްގެ މީހުން ކިޔުގައި ޖެހިގެން އެކަމަށް ފަރުވާ ހޯދަން މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ކަމަށެވެ.

"ގާނޫނީގޮތުންވެސް މިކަމުގައި ގޮންޖެހުންތަކެއް އެބަހުރި، ނަފްސާނީ ކަމެއްތޯ މިއީ، ޑްރަގްގެ ވަބާގަ ޖެހިފަހުރި ކުއްޖެއްތޯ ދެނެގަންނާނެ ގޮތެއް ނެތް، އެކަމާބެހޭގޮތުން ބެލެނިވެރިންގޮސް މަޝްވަރާކުރާނެ ތަނެެއް ނެތް،"

ހަމަ އެހެންމެ ގުރައިދޫގައި ހުރި ހާއްސަ އެހީހަށް ބޭނުންވާ ސެންޓަރުގައިވެސް އެކަށީގެންވާ ގޮތަށް ފަރުވާދެވެމުން ނުދާ ކަމީ ބޮޑޫ ކަންބޮޑުވުމެއް ކަމަށާއި، އެތަނުގައި އިންޕޭޝަންޓްކެއާ އާއި ދާއިމީ ފަރުވާދޭނެ ޑޮކްޓަރަކު ގާއިމުވެފައި ނެތްކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ނަފުސާނީ މައްސަލައަކީ ގައުމަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމަށް ދެކި، ރަނގަޅު އަދި އެފޯޑު ކުރެވޭވަރުގެ ދާއިމީ ފަރުވާ ދެވޭނެ ނިޒާމެއް ކަމަށް ކަނޑައެޅުމަށް ނާޒިމް ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.