މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުން، ރ. ދުވާފަރާއި، ށ. ކަނޑިތީމް، ށ. ފޯކައިދޫ، ގދ. ދެއްވަދޫ، ގއ. ކަނޑުހުޅުދޫގެ އިތުރުން ގއ. މާމެންދޫ އަދި ގއ. ނިލަންދޫން މޮޅުވެއްޖެއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާއިރު، ރޭވެސް ވަނީ އަތޮޅު ބުރުގެ 8 މެޗު ކުޅެފައެވެ. ރޭ ފުރަތަމަ ކުޅުނީ ގއ. އަތޮޅުގެ މެޗުތަކެވެ. ގއ. އަތޮޅުން މުބާރާތުގައި ހަތް ރަށަކުން ބައިވެރިވެފައިވާ އިރު، އެ އަތޮޅުގެ މެޗުތައް ކުރިއަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެ އަތޮޅު ގްރޫޕް ދޭއްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ކަނޑުހުޅުދޫން ވަނީ ކޮނޑޭ ބަލިކޮށްފައެވެ.
ކަނޑުހުޅުދޫން 2-0 އިން ކޮނޑޭ ބަލިކުރި އިރު، އެޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ޒައިން ނިޔާޒާއި އަލީ އަޒުވާން އަބްދުލް އަޒީޒެވެ. އެ އަތޮޅުގެ ގްރޫޕް އެކެއްގައި ގއ. މާމެންދޫން ވަނީ 3-0 އިން ވިލިނގިލި ބަލިކޮށްފައެވެ. މެޗުގައި މާމެންދޫގެ ރައުހާން ރިއްފަތު ދެ ގޯލް ޖަހާފައިވާ އިރު، އަނެއް ގޯލް ޖެހީ އަހުސަމް ހަސަން ދީދީއެވެ.
ގއ. އަތޮޅުގެ ގްރޫޕް އެކެއްގައި ރޭ އިތުރު މެޗެއްވެސް ކުޅެފައިވާ އިރު، އެ މެޗުގައި ދެއްވަދޫން ވަނީ 5-0 އިން ގެމަނަފުށި ބަލިކޮށްފައެވެ. ދެއްވަދޫގެ މުހައްމަދު ސައީދު ދެ ގޯލް ޖެހި އިރު، އެޓީމުގެ އަނެއް ގޯލްތައް ޖެހީ ހުސައިން އަޝްފާގު މުހައްމަދާއި ރަޝްވާން ރަޝީދު އަދި މިގުދާދު ސައީދެވެ. ގއ. އަތޮޅު ގްރޫޕް ދޭއްގެ ދެވަނަ މެޗުގައި ރޭ ނިލަންދޫން ދާންދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ނިލަންދޫގެ ދެ ގޯލްވެސް މަމްދޫހު އިބްރާހީމް ޖަހައިދިން އިރު، ދާންދޫގެ ގޯލް ޖެހީ އިސްމާއީލް ނަސީރެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ށ. އަތޮޅުގެ އަތޮޅު ބުރުވެސް ރޭ ފަށާފައިވާ އިރު، އެ އަތޮޅުގައިވެސް ވާދަކުރަނީ ހަތް ރަށަކުންނެވެ. އަތޮޅު ބުރު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ރޭ ވަނީ ތިން މެޗެއް އެއަތޮޅުގެ އަތޮޅު ބުރުގައި ކުޅެފައެވެ.
އެ އަތޮޅުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗުގައި ށ. މިލަންދޫއާއި މަރޮށި ވާދަކުރާ މެޗު ގޯލެއް ނުޖެހި އެއްވަރުވި އިރު، ގްރޫޕް ދޭއްގައި ފޯކައިދޫން ފީވައް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފޯކައިދޫގެ ގޯލް ޖެހީ މުހައްމަދު ރިޒުވާނެވެ. ރޭ އެ އަތޮޅުގެ ގްރޫޕް އެކެއްގައި އިތުރު މެޗެއްވެސް ކުޅެފައިވާ އިރު، އެ މެޗުގައި ކަނޑިތީމުން ބިލެތްފަހި ބަލިކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބިލެތްފަހީގެ އަހުމަދު ރިޒާން ހެޓްރިކް ހެދި އިރު، އަނެއް ގޯލް ޖެހީ މުހައްމަދު ޝާނެވެ. ބިލެއްފަހީގެ ދެ ގޯލް ޖެހީ އާދަމް އަފްރާހާއި އަލީ އިފުރާދެވެ.
ރޭ ގއ. އަތޮޅާއި ށ. އަތޮޅުގެ އިތުރުން ދެން ކުޅުނީ ރ. އަތޮޅުގެ މެޗެވެ. އެ އަތޮޅުން ފަސް ޓީމު ވާދަކުރާ އިރު، ރޭ ކުޅުނީ ދުވާފަރާއި މީދޫ ވާދަކުރި މެޗެވެ. އެ މެޗު 6-1 އިން ކާމިޔާބުކުރީ މިދިޔަ އަހަރުވެސް އެ އަތޮޅުގެ ޗެމްޕިއަން ދުވާފަރެވެ. ދުވާފަރުގެ ގޯލުތައް މުހައްމަދު ޖުމާން އަހުމަދާއި އާދަމް އިލިޔާސް އަދި އަހުމަދު އީސަ އާއި މުހައްމަދު ހާމް ޖަހައިދިން އިރު، ޖުމާނާއި އާދަމް އިލިޔާސް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިފައެވެ. މީދޫގެ ގޯލް ޖެހީ ރަޝާދު އަބްދުލް މަތީނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެއެވެ.
20:00 ހއ. ތަކަންދޫ - ހއ. މުރައިދޫ (ގްރައުންޑް 1)
20:00 ހދ. ވައިކަރަދޫ - ހދ. ނެއްލައިދޫ (ގްރައުންޑް 2)
21:00 ހއ. ދިއްދޫ - ހއ. ފިއްލަދޫ (ގްރައުންޑް 1)
21:00 ހދ. ފިނޭ - ހދ. މަކުނުދޫ (ގްރައުންޑް 2)
22:00 ހއ. އުތީމު - ހއ. އިހަވަންދޫ (ގްރައުންޑް 2)
22:00 ހއ. މާރަންދޫ - ހއ. ތުރާކުނު (ގްރައުންޑް 1)
23:00 ހއ. ބާރަށް - ހއ. ކެލާ (ގްރައުންޑް 1)
23:00 ހއ. ހޯރަފުށި - ހއ. ވަށަފަރު (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް