ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: މީގެ 90 އަހަރު ކުރިން ޝަމްސުއްދީން ރަދުން ވިދާޅުވި ބަސްފުޅުތައް މިއަދަށްވެސް މުހިންމެވެ.

އިމާދު ލަތީފު

1

ކޮންމެ މީލާދީ އަހަރެއްގައި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ދައުލަތް ހިންގަވާ އެންމެ އިސްވެރިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ރައްޔިތުންގެ މަންދޫބުންގެ ކުރިފުޅުމަތީގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. މިއީ ފައިބެ އަހަރު ދައުލަތް ހިނގި ގޮތާއި ކުރިއަށްއޮތް އަހަރު ދައުލަތް ހިންގާން ގަސްތުކުރާ ގޮތުގެ މައިގަނޑު ޚުލާސާ ހިމެނޭ ބަޔާނެކެވެ. މިފެށުނު 2023 ވަނަ އަހަރުގެ މިބަޔާން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި އިއްވަވައިފައެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ ރައްޔިތުންގެ މަންދޫބުންނެވެ. ރައްޔިތުންގެ މަންދޫބުންނަށް ދައުލަތް ހިނގިގޮތާއި ހިންގަން ގަސްތުކުރާ ގޮތުގެ ޚުލާސާއެއް އިއްވުމުގެ އާދަޔަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ހަޔާތަށް ފާއިތުވެގެންދިޔަހާ ދުވަހެއް ވެފައިވާ ޒަމާންވީ އާދައެކެވެ.

ދައުލަތް ހިނގާ ނުހިނގާ ގޮތް ރައްޔިތުންނަށް އިއްވުމުގެ އާދަ ފެށިފައި އޮތީ ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީއާ ހަމައިންނެވެ. އެއީ 1932 ވަނަ އަހަރު ލިޔެގެން ހަމައެއަހަރު ސުލްތާން މުހައްމަދު ޝަމްސުއްދީނު ތިންވަނަ ތަސްދީގު ކުރެއްވި ގާނޫނުއަސާސީއެވެ. ރައްޔިތުންގެ ހައްގުތަކާއި ދައުލަތް ހިންގާން އޮންނަ ވެރިކަމުގެ ނިޒާމުގެ ތަރުތީބުތަކާއި އިންތައް އެންމެ ފުރަތަމަ އެކަށައެޅި ބަޔާން ކުރެވުނީ އެ ގާނޫނުއަސާސީގައެވެ. އެ ގާނޫނުއަސާސީގެ ދަށުން ހަމައެއަހަރު ސުލްތާން މުހައްމަދު ޝަމްސުއްދީނު ވަނީ ރައްޔިތުންގެ މަންދޫބުންނަށް ޚުތުބާއެއް އިއްވަވައިފައެވެ. ދައުލަތް ހިނގި ގޮތާއި ދައުލަތް ހިންގާން ގަސްތުކުރާ ގޮތްތަކާއި އޭރު ދިވެހިރާއްޖޭގެ ހާލަތާއި ދުނިޔޭގެ އާއްމު ހާލަތަށް ވަރަށް ބޮޑަށް އަލިއަޅުވައިލެވިފައިވާ ނަސޭހަތުގެ ޚުތުބާއެކެވެ.

އެޔަށް އޭރުދިން ނަމަކީ ރަދުންގެ ޚުތުބަތިލް އަރުޝިއެވެ. އެކި ނަންނަމަށް އެކި ދުވަސްވަރު ބަދަލުވަމުން އައިސް މިހާރު އެއީ ރިޔާސީ ބަޔާނެވެ. މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވާފައިވާ ކަންކަމުގެ މައްޗަށް ވާހަކަ ދައްކާކަށް ނެތީމެވެ. މައުޟޫއަކީ މީގެ 90 އަހަރު ކުރިން ސުލްތާން މުހައްމަދު ޝަމްސުއްދީނު އިއްވެވި ޚުތުބަތުލް އަރުޝިއެވެ. އޭރު ދިވެހިރާއްޖެއާއި ދުނިޔޭގެ ހާލަތު އޮތްގޮތާއި އެކަންކަމުގެ މައްޗަށް ދިވެހީން ހޭއަރުވައި ސަމާލުކުރުވުމަށް އެރަދުން ބޭނުންފުޅު ކުރެއްވި ޖުމްލަތަކެވެ. ބަލައިލަމާބަހީއެވެ. އެރަދުން ވިދާޅުވެފައިވެއެވެ. އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ދަންނާށެވެ. ކުރިޔަށް އަންނާންއޮތް ފަސް އަހަރަކީ، ވަރަށް ވިސްނަައިގެން ކަންތައް ހިންގާންވީ ފަސް އަހަރެވެ.

އަދިވެސް ވިދާޅުވެފައިވެއެވެ. ދުނިޔެއަށް އައިސްފައިވާ ދަތިކަމާއި، އޮޅުދޫކަރައިގެ ތަދުކަމުން، ދިވެހި ދައުލަތަށް ލިބޭ އާމްދަނީ ދަނީ މަދުވަމުންނެވެ. ހީނަރުވަމުންނެވެ. ފާއިތުވެދިޔަ ތަނުގައި ތަޖުރިބާކޮށްފައިވާ ތިޔާގެ ދުވަަސްތަކެއްގެ ތަނަވަސްކަން ބޮޑުކަމުން މީސްތަކުންނަށް ދަސްވެ ހޭނިފައިވަނީ ވަރަށް ޚަރަދުބޮޑު އުޅުމެކެވެ. އެހެންވީމާ މިކަންކަމަށް ވިސްނައި، އުޅުން ސުލްހަކޮށް ޚަރަދުކުޑަކޮށް، ތަކެތި ލިބޭނޭގޮތްތަކަށް ފިކުރު ފޯރުވައި، ދައުލަތް ހިންގާން ތިބި މީހުން ދައުލަތުގެ ޚަރަދު ވެވުނުވަރަކުން ކުޑަކޮށް، ރައްޔިތުންނަށް ބުރަވެދާނޭގޮތުން ހިފެވޭ ތަކެތި މަދުކޮށް، ރައްޔިތުންނަށް ލުއިދޭންވާނެއެވެ. ރަދުން އެވަނީ ވަރަށް ފޮނިކޮށް ކުރުކޮށް އެދުވަސްވަރުގެ އިގްތިސާދީ ހާލަތު ބަޔާން ކުރައްވައިފައެވެ. ދެން ކުރާންވީ ކަންކަމުގެ އިރުޝާދުވެސް އެވަނީ ދެއްވައިފައެވެ.

ރަދުންގެ ބަޔާނުގައި އަދިވެސް ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ތައުލީމާއި އާއްމު ސިއްހަތުގެ ކަންކަން ކުރިއަރުވާންވާނެއެވެ. ގައުމުގައި ހަކަތަ ހުންނާނީ އޭރުންނެވެ. އަތުމަސަައްކަތާއި، ގޮވާންކުރުމާއި، ރުއްއެރުމާއި، މަސްވެރިކަމާއި، އޮޑިދޯނި ބަައްތެލިފަހަރާއި މިއެންމެހައި ކަންކަން ރަނގަޅަށް ކުރިއަރުވާންވާނެއެވެ. ރައްޔިތުންނަށާއި، މި ރާއްޖޭގައި ތިބޭ ބޭރު ކަރަކަރައިގެ ރައްޔިތުންނަށް ހަމައެއްވެސް ބާވަތަކުން އަނިޔާއެއްކޮށްގެން ނުވާނެއެވެ. ކިތަންމެ ދަތިވިޔަސް ޚަރަދުކުރަންވާނޭ ކަންކަމާއި ދާއިރާތައް ރަދުން އެވަނީ ވިދާޅުވެ ދެއްވައިފައެވެ. އެކަންކަމަކީ ގައުމުގެ ދިރުމާއި ހަރަކާތާއި ގުޅިފައިވާ ކަންކަމެވެ. ގައުމުގެ ހަކަތަ ހިފެހެއްޓުމަށް އެއީ ކުރަން ލާޒިމު ކަންކަމެވެ. ކިތަންމެ ކުރުކޮށްވިޔަސް އެކަންކަމުގެ މުހިންމުކަން އެވަނީ ވިދާޅުވެ ދެއްވައިފައެވެ.

މިހިސާބުން އަދި ނިންމައިނުލައްވައެވެ. ވިދާޅުވިއެވެ. އެއްވެސް އުޒުރެއް ދައްކައި ހަމަ އެއްވެސް ބަޔަކަށް އަނިޔާކޮށްގެން ނުވާނެއެވެ. މިހެން އެންގެވީ ދަތިދުވަސްވަރު ވެރީންގެ އަނިޔާވެރިކަން ރައްޔިތުންގެ މައްޗަށް އިތުރުވުމުގެ ސަގާފަތެއް އޮންނާތީއެވެ. ރައްޔިތުންނާއި ވެރިން ޒިންމާދާރު ކުރުވުމަށް ރަދުން ވިދާޅުވެފައިވަނީ މިހެންނެވެ. ރައްޔިތުންވާނީ ވެރީންނަށް ކިޔަމަންވާށެވެ. ވެރީންވާނީ ރައްޔިތުންނީ ދަރީންކަމުގައި ހީކުރާށެވެ. މި ވިދާޅުވަނީ ކީކޭތޯއެވެ. އެވިދާޅުވަނީ ރައްޔިތުންދެކެ ލޯބިވާ ބަޔަކަށް ވެރީންވާންޖެހޭ ވާހަކައެވެ. ބަދަލުގައި ރައްޔިތުންވެސް ވެރީންނަށް ކިޔަމަންވާންޖެހޭ ވާހަކައެވެ. އަޅުގަނޑު ހިތުން މީގެ 90 އަހަރު ކުރިން ސުލްތާން މުހައްމަދު ޝަމްސުއްދީނުގެ މި ބަސްފުޅުތަކަކީ މިއަދުވެސް ރާއްޖޭގެ ރައްޔިތުންނާއި ވެރިން އަޑުއެހުން އެދެވިގެންވާ ބަސްފުޅުތަކެކެވެ.