ރައްޔިތުން މަޖިލީހުގެ މިއަހަރު ޖަލްސާ ފެށުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު މަޖިލީހުގެ ބޭރުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރި މުޒާހަރާ ކަވަރުކުރުމުގެ "ޗެނަލް 13" ގެ ނޫސްވެރިޔާ ވިޔަސް، އެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
އިދިކޮޅު އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އެ މުޒާހަރާ ކަވަރުކުރަން އުޅުނު "ޗެނަލް 13" ނޫސްވެރިޔާ ހަސަން ޝަހީދަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް އަނިޔާވީ ފުލުހުން ޝީލްޑު ބޭނުން ކޮށްގެން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރި ވަގުތު ޝީލްޑަކުން ޖެހި މަގުމައްޗަށް ވެއްޓުމުގެ ތެރޭގައެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ޕީޕީއެމްއިން ކުރިއަށް ގެންދިޔަ އެއްވުމެއްގައި ދެ ނޫސްވެރިއަކަށް އަނިޔާވެފައިވާތީ ކަންބޮޑުވާ ކަމަށެވެ.
"މިކަމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، ފުލުހުންގެ ފަރާތުން އެ ނޫސްވެރިންނަށް އަމާޒުކޮށް އަނިޔާ ދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިވާކަމަށް ނުބެލެވެއެވެ. އަދި ފުލުހުން މުޒާހަރާ ރޫޅާލުމުގެ އިންޒާރުދީ، ރޫޅާލުމަށް ޝީލްޑުތަކާއެކު ކުރިއަށް ޖެހެމުން ދިޔައިރު އެއްވުމުގެ ބައިވެރިން ނޫސްވެރިންގެ ގައިގައި އަޅައި ކޮއްޕުމާއި ނޫސްވެރިން ޝީލްޑު ތަކުގައި އަޅައި ކޮއްޕުން ފަދަ ކަންކަމުގެ ތެރެއިން އެ ނޫސްވެރިން ވެއްޓިފައިވާކަން ފާހަގަ ކުރަމެވެ،" ފުލުހުން ބުންޏެވެ.
ނޫސްވެރިޔާއަށް އަނިޔާވި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓާންޑާސް ކޮމާންޑުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ހަސަން ޝަހީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދަނީ އިތުރު ފަރުވާއަށް ސްރީ ލަންކާއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީޕީއެމް އިން މިއަދުކުރި ޓުވީޓެއްގައި ބުނީ އަނިޔާވި ނޫސްވެރިޔާ އިތުރު ފަރުވާއަށް ސްރީ ލަންކާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ ޕީޕީއެމުން ބުނީ އެ ނޫސްވެރިޔާގެ ސިކުނޑި އާއި މައިބަދަ އަށް ގެއްލުންވެފައިވާ ކަމަށެވެ. އެހެންވެ، ވަގުތުން ލަންކާ އަށް ފުރުވާލުމުގެ މަސައްކަތް އާއިލާ އިން ފަށާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނީ ޕީޕީއެމްގެ މުޒާހަރާ ކަވަރުކުރަން ދެ ނޫސްވެރިއަކަށް އަނިޔާވެފައިވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެ ދެ ނޫސްވެރިން ތިބީ ފާސް އަޅައިގެން ކަމަށާއި ފުލުހުންގެ ޝިލްޑުން ޖެހި ނޫސްވެރިންނަށް އަނިޔާވުމުގެ އިތުރުން އެ ދެ ނޫސްވެރިންނަށް ޕެޕާސްޕްރޭގެ އަސަރު ކޮށްފައިވާ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.
"އޭގެ ތެރެއިން އެއް ނޫސްވެރިއަކަށް މި ވަގުތު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެހެންކަމުން, މުޒާހަރާތައް ރޫޅާލުމާއި ބާރުގެ ބޭނުން ކުރާއިރު ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނަށް ގޮވާލަމެވެ" އެމްޖޭއޭއިން ބުންޏެވެ.
މުޒާހަރާގެ ބައިވެރިންގެ ފަރާތުން ވީޓީވީގެ ނޫސްވެރިއަކަށް ފުރައްސާރަ ކުރިމަތިވެފައިވާ ކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށްވެސް އެމްޖޭއޭއިން ބުންޏެވެ.