ތުރުކީގެ ދެކުނަށް ރޭ ފަތިހު އައި ބާރުގަދަ ބިން ހެލުމުގައި 1،600 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ޖިއޮލޮޖިކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން ބުނީ ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށެވެ. އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިން ހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށެވެ. ފުރަތަމަ ބިން ހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ވެސް ބުންޏެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނީ ތުރުކީއަށް މިއަދު އައި ބިން ހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިން ހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިން ހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުންޏެވެ.

ތުރުކީގެ ސައިސްމޮލޮޖިކަލްއިން ބުނީ ރޭ އައި ބިން ހެލުމުގެ ސެންޓާ ޕޮއިންޓް ހުރީ ދެކުނުގެ ސިޓީއެއް ކަމަށްވާ އާޒިއަންބާތުގައި ކައިރީގައިވާ ފަރުބަދަތަކުގެ ހަތް ކިލޯމީޓަރުގެ ފުނުގައި ކަމަށެވެ.

ސައިސްމޮލޮޖިކަލްއިން ބުނީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ ކަހުރަމާންގެ ސިޓީތަކާއި ވިލެޖުތަކަށް ކަމަށެވެ. އެ ސަރަހައްދުތަކުގައި ބިން ހެލުމުގެ އަސަރު އެއް މިނެޓު ވަންދެން ހުރި ކަމަށެވެ. ބިންހެލުމުގެ އަސަރު ސޫރިއާގެ އުތުރުގެ ސަރަހައްދުތަކަށާއި ސައިޕްރަސްއަށާއި ލުބުނާނަށްވެސް ކޮށްފައިވާ ކަމަށް ސައިސްމޮލޮޖިކަލްއިން ބުންޏެވެ.

ތުރުކީގެ ޑިސާސްޓާ އެންޑް މެނޭޖްމެންޓުން އޮތޯރިޓީން މިހާރު ދަނީ އިމާރަތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ. އެ އިދާރާއިން 3،000 ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށާއި އިމާރާތްތަކުގެ ދަށުވި މީހުންގެ އަދަދު އަދި ސާފުވެފައިނުވާ ކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވީ 1،600 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އަދި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ އަދަދު އަދިވެސް ސާފުނުވާ ކަމަށާއި އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރޭ ފަތިހު ތުރުކީއަށް ބިންހެލުން އައި ސަރަހައްދަކީ އާންމު ގޮތެއްގައި ބިންހެލުންތައް އަންނަ ސަރަހައްދެކެވެ.