މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުރަމުންދާ ބޮޑެތި ޓްރާންސްފާތަކަކީ ދިވެހި ފުޓުބޯޅައަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށާއި، ހަރަދުތަކެއް ހިނގިޔަސް އެކަން ކުރަނީ ކުޅުންތެރިންނާއި ފުޓުބޯޅައަށްޓަކައި ކަމަށް ޗެއާމަން އަހުމަދު ސާޖިދު މިއަދު ވިދާޅުވެއްޖެއެވެ.

ޗެއާމަން ސާޖިދު އެހެން ވިދާޅުވީ މިއަދު ގައުމީ ދަނޑުގައި އެ ކްލަބުން ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ. އެ ޕްރެސްއަކީ އަލަށް ސީޒަނަށް އެ ކްލަބަށް ގެނައި ކޯޗު، ކުރިން އިންޑޮނޭޝިއާއާއި މިޔަންމާގެ ގައުމީ ޓީމުގައި މަސައްކަތް ކުރި އިވާން ކޮލޭވްއާ ރަސްމީކޮށް އިއުލާންކުރުމަށް ބޭއްވި ޕްރެސްއެކެވެ.

ސީޒަނަށް މާޒިޔާއިން ބޮޑެތި ޓްރާންސްފާތަކެއް މިހާރުވެސް ފުރިހަމަކޮށްފައިވާ އިރު، އެޓީމަކީ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ އެންމެ ގިނަ ކުޅުންތެރިން ކުޅެމުންދާ ޓީމެވެ. މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ލީގުގެ ގިނަ ކްލަބުތަކަށް މުސާރައިގެ މައްސަލަތައް ދިމާވެ، ކުޅުންތެރިންނަށް އޭގެ ދަތިތަކާ ކުރިމަތިވެފައިވާ އިރު، މާޒިޔާއަކީ އެންމެ އޮގަނައިޒްކޮށް، މުސާރަތައް ދީ ހިންގި ޓީމެވެ. އެޓީމުގެ މުސާރައިގެ މައްސަލައެއް މިހާތަނަށް ޖެހިފައި ނުވުމާއެކު ކުޅުންތެރިން މާޒިޔާއަށް ދާން ބޭނުންވެ، އެ ކްލަބަށް ފަސޭހަކަމާއެކު ދާތަން ވަނީ ފެނިފައެވެ.

ފާއިތުވި ތިން އަަހަރު ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ އަކީ 2006 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ކްލަބަކަށްވީ އިރު، އެ ކްލަބަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ކާމިޔާބުވެސް ކްލަބެވެ.

ކްލަބުން ބޮޑެތި ޓްރާންސްފާތައް ކޮށް، ވަރުގަދަ ސްކޮޑެއް އެކުލަވާލާ ސަބަބާ ގުޅޭގޮތުން ޗެއާމަން ސާޖިދު ވިދާޅުވީ، މިވަގުތު ފުޓުބޯޅަ އޮތް ހާލަތުން މާޒިޔާ ރަނގަޅު ގޮތުގައި ހިފަހައްޓާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިހާރު ފުޓްބޯޅަ މިއޮތް ހިސާބުން، މާޒިޔާ ފެއަށް ޖެހިލައިފިއްޔާމު ދެން، ހިއެއް ނުވޭ ރާއްޖޭގެ ފުޓްބޯޅަ މާ ފޯރީގައި އޮންނާނެހެން. އެހެންވީމަ, އެހެންބަޔަކު އަންނަންދެންވެސް އަޅުގަނޑުމެން އެބަޖެހޭ މިކަން ދަމަހައްޓަން. ހިފެހެއްޓޭތޯ ބަލަން. އެގޮތުން މި މަސައްކަތް ކުރަނީ،" ސާޖިދު ވިދާޅުވިއެވެ.

ޗެއާމަން ސާޖިދު އިތުރަށް ވިދާޅުވީ ދިވެހި ފުޓުބޯޅައަށް މިވަގުތު އެނޫން ގޮތެއް ނެތް ކަމަށާއި، ހަރަދު ދިޔަޔަސް މާޒިޔާއިން ކުރަން ޖެހެނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ.

"ތިބޭފުޅުންނަށް ވެސް އެނގިލައްވާނެ، މިއީ ވަރަށް ބޮޑު ހޭދައެއް ހިނގާ ކަމެއްކަން. އެހެންނަމަވެސް މިވަގުތު، ދިވެހި ފުޓްބޯޅައަށް މި ނޫން ގޮތެއް ނެތީމަ، ހަމަ ކޮންމެ ގޮތެއް ހަދާފައި ވެސް, މިކަން ކުރެވޭތޯ މަަސައްކަތް ކުރަނީ،" ސާޖިދު ފާހަގަކުރެއްވިއެވެ.

މާޒިޔާއިން ކޮންމެ ސީޒަނަކަށްވެސް މިހާރު ވަރުގަދަ ސްކޮޑެއް އެކުލަވާލަމުން އަންނަ އިރު، އެޓީމަށް އޮތް އެންމެ މުހިއްމު މުބާރާތަކީ އޭއެފްސީ ކަޕެވެ. މިފަހަރުގެ އޭއެފްސީ ކަޕަށްވެސް މާޒިޔާގެ ފޯކަސް ވަރަށް ބޮޑަށް ހުރި އިރު، އެޓީމުން ނުކުންނާނީ މިހާތަނަށް ހާސިލުނުކުރެވި އޮތް ޓާގެޓެއް ހާސިލުކުރުމަށެވެ. އެއީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ޒޯނަލް ސެމީ ފައިނަލް ބުރުން ޖާގަ ހޯދުމަށެވެ. އާ ފޯމެޓްގެ ދަށުން ކުޅެން ފެށިފަހުން މާޒިޔާއަކީ ރާއްޖެއިން އޭއެފްސީ ކަޕްގައި އެންމެ ގިނައިން ކުޅުނު ޓީމު ނަމަވެސް އެޓީމަށް އަދި ނޮކްއައުޓް ބުރަށް ދެވިފައެއް ނުވެއެވެ. އެހެންނަމަވެސް ރަނގަޅު ނަތީޖާތައް ނެރެ، އެ ބުރާ ނުހަނު ގާތަށްވެސް މާޒިޔާ މީގެ ކުރިން ޖެހިފައިވެއެވެ.

"މަސައްކަތް މިކުރަނީ ޗެއާމަންގެ ބޮޑު އެއްބާރުލުމަކާއެކު. މިހާ ވަރުގަދަ ސްކޮޑެއް މި ބިނާކުރެވެނީ ޗެއާމަންގެ އެހީތެރިކަމާއެކު، އެހެންކަމުން ފުރަތަމަވެސް ހަމަ ޗެއާމާނަށް ޝުކުރު އަދާކުރަން ބޭނުންވޭ މެނޭޖުމަންޓާއި ސަޕޯޓަރުންގެ ފަރާތުންވެސް. މާޒިޔާ ޓީމެއް ބިނާކުރަނީ ލޯކަލް ސީޒަނަށާއި، އޭއެފްސީ ކަޕަށް. އޭއެފްސީ ކަޕަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭނެ މާޒިޔާއިން. އޭއެފްސީ ކަޕް ދެވަނަ ބުރަށް ދާން ކުރަމުންދާ މަސައްކަތުގައި ދިވެހި ރަނގަޅު ކުޅުންތެރިންނާވެސް އެކު މި ތައްޔާރުވަނީ،" މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބު (ވައްކޭ) މިއަދުގެ ޕްރެސްގައި ފާހަގަކުރެއްވިއެވެ.