އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފައިސާގެ ކަންކަމުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް އިނގިރޭސި ޕްރިމިއާ ލީގުން ތުހުމަތުކޮށްފިއެވެ.
މިނިވަން ކޮމިޝަނަކުން ހަތަރު އަހަރު ދުވަހުގެ ތަހުގީގަކަށްފަހު ޕްރިމިއާ ލީގުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ސިޓީން ޕްރިމިއާ ލީގުގެ ފައިނޭންޝިއަލް ގަވާއިދާ ހިލާފު 100 އަށްވުރެ ގިނަ ކަންކަން ހިންގާފައިވާ ކަމަށެވެ. އެ ތަހުގީގަކީ 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ސިޓީން ކޮށްފައިވާ ހަރަދުތަކުގެ މައްޗަށް ކުރި ތަހުގީގެކެވެ.
ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރު ޑިސެންބަރު މަހުން ފެށިގެން މިއަދާ ހަމައަށް ސިޓީން ތަހުގީގަށް އެއްބާރުލުންވެސް ދެމުން ނުގެންދާ ކަމަށާއި، ސިޓީން ހިންގާފައިވާ ޖަރީމާތަކަށް އަދަބު ދޭން ވިސްނާފައިވާ ކަމަށެވެ.
ސިޓީގެ މައްސަލައިގައި ކޮމިޝަނުން ނެރުނު ބަޔާންތަކާ ހަވާލާދީ ޕްރިމިއާ ލީގުން ބުނީ ވިޔަފާރީގެ ތަފާސްހިސާބުތައް އޮޅުވާލުމަށްވެސް ސިޓީން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި، ސްޕޮންސާޝިޕުން ލިބޭ ފައިދާގެ އިތުރުން ކްލަބަށް އެހެނިހެން ގޮތްގޮތުން ލިބޭ ފައިދާގެ އަދަދުތައް އޮޅުވާލި ކަމަށެވެ. އޭގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންނަށް ދޭ މުސާރައިގެ އަދަދުތައް 2009 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ދެމެދު، އޮޅުވާލި ކަމަށްވެސް ޕްރިމިއާ ލީގުން ބުނެފައިވެއެވެ.
އޭގެ އިތުރުން ޕްރިމިއާ ލީގުން ބުނީ ސިޓީން 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު، ޔޫއެފާއާއި ފީފާގެ ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފުވެފައިވާ ކަމަށާއި، އެ ކްލަބުން ޕްރިމިއާ ލީގުގެ ޕްރޮފިޓަބިލިޓީއާއި ސަސްޓެއިނިބިލިޓީގެ އުސޫލުތަކާވެސް ހިލާފުވެފައިވާ ކަމަށެވެ.
ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑާ ސްޕީގެލްއިން 2018 ވަނަ އަހަރު ލީކުކޮށްލި މައުލޫމާތުތަކަކާ ގުޅިގެން މީގެ ކުރިން ޔޫއެފާއިންވެސް ވަނީ ސިޓީގެ މައްޗަށް ތަހުގީގު ހިންގައިފައެވެ. އެފަހަރުގެ ތަހުގީގުން ސިޓީގެ މައްޗަށް ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފުވިކަން ސާބިތުވެ އަދަބު ދީފައިވާ އިރު، ދެ އަހަރު ދުވަހަށް ޔޫއެފާ މުބާރާތްތަކުން ސަސްޕެންޑް ކުރިއެވެ. އެހެންނަމަވެސް ސިޓީން ފަހުން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން އެ މައްސަލައިގެ އިސްތިއުނާފު ކާމިޔާބުކޮށްފައެވެ.
ސިޓީގެ މައްޗަށް ޕްރިމިއާ ލީގުން ކޮށްފައިވާ ތުހުމަތުތަކުގެ ކުޑަ މިންވަރެއް ސާބިތުވި ނަމަވެސް ބޮޑެތި އަދަބުތައް އަންނާނެ ކަމަށް ބެލެވެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ސިޓީގެ ޕޮއިންޓް އުނިކުރުމުގެ އިތުރުން ލީގުން ރެލިގޭޓް ކޮށްލުމުގެ އަދަބެއްވެސް ދިނުން އެކަށީގެންވެއެވެ.
މިހާތަނަށް ސިޓީން ހަ ފަހަރު ލީގު ކާމިޔާބު ކޮށްފައިވާ އިރު، އެޓީމު މިހާރުގެ ވެރިންނާއެކު ހިންގަން ފެށީ 2008 ވަނަ އަހަރުއެވެ. ސިޓީއަށް ކުއްލިއަކަށް ބޮޑު މުއްސަނދިކަމެއް 2008 ވަނަ އަހަރު އައިސްފައިވާ އިރު، އެޓީމަށް ފައިސާގެ މުއްސަނދިކަން ލިބުނީ ޑުބާއީގެ އަބޫ ދާބީ ޔުނައިޓެޑް ގްރޫޕުން ކްލަބު ގަތުމާއެކުގައެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ