ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ވޯޓުލުމަށް މަދުވެގެން 30 މީހުން އަދި ބޭރު ގައުމެއްގައި ވޯޓުލުމަށް 150 މީހުން ރަޖިސްޓަރީ ކޮށްފި ނަމަ އެތަނެއްގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ބޭއްވުމަށެވެ.
އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ، 30 މީހުން ރަޖިސްޓްރީކޮށްފި ނަމަ ވޯޓު ފޮށި ރިސޯޓުތަކުގައި ބަހައްޓަން ނިންމީ ގިނަ ބަޔަކަށް ވޯޓު ލުމުގެ ހައްގު ހޯދައިދިނުމަށް ކަމަށެވެ. މިއީ ރިސޯޓުތަކުގައި ވޯޓުލުމަށް އެންމެ މަދު ބަޔަކު ރީ-ރަޖިސްޓްރޭޝަން ކޮށްގެން ވޯޓުފޮށި ބަހައްޓާ ފަހަރެވެ.
"އަޅުގަނޑުމެންގެ އަންދާޒާއަކީ 55 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް" ހަބީބު ވިދާޅުވިއެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ 35 ރިސޯޓެއްގައެވެ.
ހަބީބު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ 150 މީހުން ހަމަވާ ގައުމުތަކުގައާއި ރާއްޖޭގެ އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހުންނަ ގައުމުތަކުގައި ކަމަށެވެ. އެގޮތުން 12 ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ.
"މުޅި އިންތިހާބުގައި 600 ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓިގެންދާނެ" ހަބީބު ވިދާޅުވިއެވެ.
ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރަޖިސްޓަރީކުރަން އަންނަ ޖުލައި 16 އިން އޮގަސްޓް ފަސް ވަނަ ދުވަހާ ހަމައަށް ހުޅުވާލަން އީސީން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު