ޑިޖިޓަލް އައިޑީ ކާޑު އަންނަ މަހު ތައާރަފުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ހިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީ ކާޑާއި އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަން ޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ.
އެކަމަކީ ހިދުމަތް ލަސްވެ، އޮޅުންބޮޅުންވެ، އެކަމެއްގައި ތާށިވެ، ރައްޔިތުން ތިބެންޖެހޭ ކަމެއްކަމުން އެކަން ބަދަލުކުރުމަށް އަންނަ މާރިޗު މަހު ޑިޖިޓަލް އައިޑީ ލޯންޗު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހިދުމަތް ލިބުމުގައި ރައްޔިތުންނަށް އޮތް އަނެއް ތަކުލީފަކީ ކިޔުގާ ޖެހެން ޖެހުމާއި ފޯނު ނުނެގުމާއި ޖަވާބެއް ނުލިބުމުގެ މައްސަލަ ކަމަށެވެ. ސަރުކާރުން އެކަމަށް ގެނެސްދޭ ޒަމާނީ ހައްލަކީ ވަން-ގަވްގެ ހިދުމަތް ކަމަށް ވިދާޅުވިއެވެ.
"އަންނަ މާރިޗު މަސްތެރޭ ވަން-ގަވް ހިދުމަތްވެސް ލޯންޗު ކުރެވޭނެ، އޭގެ ސަބަބުން ފުރަތަމަވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއާއި ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ހިދުމަތް މުޅިން އޮންލައިން ވާނެ، މީގެ އިތުރަށް މާލެ، އައްޑޫ އަދި ފުވައްމުލަކުގާ ގާއިމުކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކަކީ އޮންލައިންކޮށް ހިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ހިދުމަތް ދޭ މަރުކަޒުތަކެއް،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު