ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000 ރުފިޔާ ދޭނެކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވުމާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުކުރަން ނިންމައިފިއެވެ.

މުސްތަފާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 9:45 އަށް ކަމަށެވެ.

ރައީސް މޫނަށް ކުޅު ޖަހާ މީހަކަށް 50،000 ރުފިޔާ ދޭނެ ކަމަށް މުސްތަފާ ކުރެއްވި ޓުވީޓަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ. އަދި ފުލުހުން އެ މައްސަލަ ބެލުމަށްވެސް ވަނީ ގޮވާލައިފައެވެ.

ފުލުހުން "ވަން" އަށް މިރޭ މުސްތަފާގެ ޓުވީޓުގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މުސްތަފާއަކީ އާންމު ގޮތެއްގައި ރައީސް ސޯލިހަށް ނިސްބަތްކުރައްވައި ވަރަށް ހުތުރު ޓުވީޓުތައް ކުރައްވާ ބޭފުޅެކެވެ. ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ރައީސް ސޯލިހަށް ނިސްބަތްކުރައްވައި މުސްތަފާ ކުރެއްވި ޓުވީޓުތަކަށްވެސް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

މުސްތަފާއަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެވެ.