ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000 ރުފިޔާ ދޭނެކަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މުސްތަފާ އެގޮތަށް ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. މުސްތަފާގެ އެ ޓުވީޓަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފައެވެ. އަދި ފުލުހުން އެ މައްސަލަ ބެލުމަށްވެސް ވަނީ ގޮވާލައިފައެވެ.

ފުލުހުން "ވަން" އަށް މިރޭ ބުނީ އެ ޓުވީޓުގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މުސްތަފާއަކީ އާންމު ގޮތެއްގައި ރައީސް ސޯލިހަށް ނިސްބަތްކުރައްވައި ވަރަށް ހުތުރު ޓުވީޓުތައް ކުރައްވާ ބޭފުޅެކެވެ. ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ރައީސް ސޯލިހަށް ނިސްބަތްކުރައްވައި މުސްތަފާ ކުރެއްވި ޓުވީޓުތަކަށްވެސް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

މުސްތަފާއަކީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެވެ.