ކްލަބު އީގަލްސްގެ ކެޕްޓަން ބޭންޑުގައި ކުޅެމުންދިޔަ ގައުމީ ޓީމުގެ ޑިފެންޑަރު، ހުސައިން ސިފާއު (ކްރޯ) އާއި ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިކޭޝަން ކްލަބާ ގުޅިއްޖެއެވެ.
ގައުމީ ޓީމުގެ އަރިމަތިން އެންމެ މުހިއްމު އެއް ޑިފެންޑަރު ކްރޯ މާޒިޔާއާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ކްރޯ މާޒިޔާއާ ގުޅިފައިވަނީ 2018 ވަނަ އަހަރުން ފެށިގެން ކްލަބު އީގަލްސްއަށް ކުޅުމަށްފަހުއެވެ. މިދިޔަ ދެ ސީޒަނެއްގައި ކްރޯއަކީ އީގަލްސްގެ ކެޕްޓަނެވެ.
އދ. ފެންފުއްޓަށް އުފަން ފައިސަލަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު ގޯލްކީޕަރެވެ. 12 އަހަރަށްވުރެ ގިނަ ދުވަހު ފުރަތަމަ ޑިވިޝަންގައި ފައިސަލް ކުޅެފައިވާ އިރު، އޭނާ 2006 ވަނަ އަހަރު ކެރިއަރު ފެށީ އޯލް ޔޫތު ލިންކޭޖުންނެވެ. އޭގެ ފަހުން ވިކްޓްރީ ސްޕޯޓްސް ކްލަބާއި ވެލެންސިއާގެ އިތުރުން ކްލަބު އީގަލްސްއާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ދަ ގްރާންޑޭއަށް ކުޅުނު ފައިނަލް އެންމެފަހުން ކުޅުނީވެސް ވެލެންސިއާއަށެވެ.
ގައުމީ ސީނިއާ ޓީމަށް 25 އަކަށް މެޗު ކުޅެފައިވާ ފައިސަލަކީ 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ނެގި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.
މާޒިޔާއިން ސީޒަނަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ އިރު، އެޓީމުން ވަނީ މިހާތަނަށް ހަސަން ރާއިފް (ހަންނަ) ވެސް ޓީމަށް ގެންގޮސް، މިހާރު ތިބި މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ އެއްބަސްވުންވެސް އާކޮށްފައެވެ.
މާޒިޔާއިން މިހާތަނަށް އެއްބަސްވުން އާކުރި މުހިންމު ކުޅުންތެރިންގެ ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު)، ހަސަން ނާއިޒު (ދާދު)، ހަސަން ޝިފާޒް (ޑުންގާ)، ހުސެއިން ޝަރީފް (ކީޕަރު ހުސެން)، ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު އިރުފާން (އިރޭ)، އިޔާން އަބްދުލް އަލީމް (ޗިކީ)، ސަމޫހު އަލީ (ސަމުއްޓެ) އަދި އިބްރާހިމް އައިސަމް ހިމެނެއެވެ.
ރާއްޖޭގެ ސީޒަން އަންނަ މަހު ފަށަން ތައްޔާރުވަމުން އަންނަ އިރު، މާޒިޔާ ފިޔަވައި އިތުރު ކްލަބަކުން އަދި ތައްޔާރުވަމުންދާ ތަނެއް ނުފެނެއެވެ.
މާޒިޔާއިން މިދިޔަ ތިން އަހަރުވެސް ރާއްޖޭގެ ޗެމްޕިއަންކަން ހޯދި އިރު، އެޓީމުން ވަނީ ތިން ފަހަރު އެފްއޭ ކަޕް ތަށިވެސް ކާމިޔާބުކޮށްފައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު