އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އަމަލުކުރާނެ ގޮތެއް ނިންމާނެ ކައުންސިލް އިންތިހާބުކުރުމަށް ބާއްވާ އެޕާޓީގެ ގައުމީ ޖަލްސާ މިމަހުގެ 24 ގައި ފަށާ ގޮތަށް ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޖޭޕީން ރިޔާސީ އިންތިހާބާ ގުޅޭ ނިންމުންތައް ނިންމާނީ، ގައުމީ މަޖިލީހުގެ ޖަލްސާ އިން ފާސްކުރާ އެ ޕާޓީގެ ކައުންސިލުންނެވެ. އިލެކްޝަން ކޮމިޝަންގެ ދަފުތަރުގައިވާ ގޮތުގައި ޖޭޕީގައި 18،000 ވުރެ ގިނަ މެންބަރުން އެބަތިއްބެވެ.
ޖޭޕީގައި އިސްކޮށް ހަރަކާތްތެރިވާ ކައުންސިލް މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މިއަދު ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން އަންނަނީ މިމަހުގެ 24 ވަނަ ދުވަހު ގައުމީ ޖަލްސާ ބޭއްވުމަށް ކަމަށެވެ.
"ދަރުބާރުގޭގައި މިމަހުގެ 24 އިން 25 އަށް ގައުމީ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.
ޖޭޕީގެ ގައުމީ ޖަލްސާގައި ބައިވެރިވާނީ އެޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނާއި މިހާރު އެ ޕާޓީގެ ކައުންސިލްގައި ތިބި މެންބަރުންނާއި ދާއިރާތަކުގެ ރައީސުންނެވެ.
ޖޭޕީން ވަނީ ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެންޑިޑޭޓަކު ދައްކާނެ ކަމަށް މީގެ ކުރިން ބުނެފައެވެ.
ރާއްޖޭގެ ޑިމޮކްރަސީ ހަޔާތުގައި ބޭއްވި ތިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައިވެސް ޖޭޕީގެ ހިއްސާ އޮތެވެ. އެ ޕާޓީން ވަނީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު