ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުމާ ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ހަތް މީހެއްގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ. މިއަދު ކުރިއަށް ގެންގޮސްފައިވަނީ ހަތް މީހެއްގެ އަޑުއެހުމެވެ. އެއީ
- މުޙައްމަދު ޛިލްޔަން, މއ. ކަނުހުރާ
- ހަސަން ޝިފާޒު, ކުދެހިގެ
- އަބްދުالله ރިފާއު, ތ. ތިމަރަފުށި, ނަރުގިސް
- އަބޫބަކުރު ފާރިޢު, ނ. މިލަދޫ, ކާނޭޝަންމާގެ
- އަޙްމަދު އަކްސަމް, ރ. ކަނދޮޅުދޫ, އަލަމާގެ
- އަޙްމަދު ނަސޫހް, ގއ. މާމެންދޫ, އަސްރަފީވިލާ
- ޝަބިމް އާދަމް, ފ. ދަރަނބޫދޫ, އާބާދީގުލްޝަން
އެ ހަތް މީހުންގެ މައްޗަށް ވަނީ ޓެރަރިޒަމް އަމަލެއް ކުރުމުގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާއެވެ. އެ މީހުންގެ ތެރެއިން ރިފާއު އާއި އަކްސަމް އާއި ޝިފާޒު އާާއި ޝަބިމްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާވެސް އުފުލާފައެވެ. އަދި ޛިލްޔަންއަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފައެވެ.
މިއަދު ފާރިއު އާއި އަކްސަމް އަޑުއެހުމަށް އައީ ވަކީލަކާ ނުލައެވެ. އެހެންވެ އެމީހުންނަށް ވަނީ ވަކީލަކު އައްޔަނުކުރަން ދިހަ ދުވަސް ވަނީ ދީފައެވެ.
މިއަދުގެ އަޑުއެހުމުގައި، ދެން ތިބި މީހުންގެ ވަކީލުން ވަނީ މި މައްސަލައާ ގުޅޭ ލިޔެކިއުންތައް ތަފުސީލީ ގޮތެއްގައި ދިފާއަށް ނުލިބޭ ކަމަށްބުނެ، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރެވޭ ގޮތަށް ދައުލަތުން ދައުވާތައް އުުފުލުމަށް އެދިފައެވެ.
ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު