ހއ. ހޯރަފުށީ އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތުގެ 72 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން ހޯރަފުށީ އެއާޕޯޓްގެ ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 5.9 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.
އެމްޓީސީސީން ބުނީ ހޯރަފުށި އެއާޕޯޓް ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުން ހިމެނޭ ކަމަށެވެ. އަދި ޖިއޯބޭގް ރިވެޓްމަންޓެއް ޖެހުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ އެއާޕޯޓްގެ މަސައްކަތް ނިންމައި 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ވަނީ ހުޅުވައިފައެވެ. އެއާޕޯޓް ހުޅުވައިދެއްވީ ރައީސް ސޯލިހެވެ.
ސަތޭކަ ނުވަދިހަ އަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ހޯރަފުށީ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8،635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު