ލ. ގަމުން ބުދު ދީނުގެ ބުދެއް ފެނިއްޖެއެވެ.

ހިރިގަލުން ހަދާފައިވާ އެ ބުދު އިއްޔެ ފެނުނީ، ގަމުގެ މުކުރިމަގު އަވަށުގައި މަސައްކަތެއް ކުރުމަށް ގެނެސްފައިވާ ކަޅުވެލިފުންޏެއް ފަތުރާލި ތަނުންނެވެ. އެ ވެލި ފުނި ގެނެސްފައިވަނީ، އެ އަވަށުގެ ވަލުތެރޭގައި ހުންނަ ބޮޑު ވެލިފުންޏަކުންނެވެ.

ގާތްގަނޑަކަށް ހަތް އިންޗީގެ މި ކުޑަ ބުދު މިހާރު އޮތީ، އެ ރަށުގައި ހުންނަ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ބެލުމުގެ ދަށުގައެވެ.

ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު "ވަން" އަށް މިއަދު ވިދާޅުވީ، އެ ބުދު މިހާރު އޮތް ފަރާތުން ގަމު ކައުންސިލާ މިއަދުގެ ވަގުތެއްގައި ހަވާލުކުރާނެ ކަމަށެވެ. އަދި އެ ބުދު މާލެ ގެނެސް އިތުރަށް ދިރާސާކުރާނެ ކަމަށް ވިދާޅުވިއެވެ.

ތާރީހު ދިރާސާކުރާ ބޭފުޅަކު "ވަން" އަށް ވިދާޅުވި ގޮތުގައި، ގަމުން ފެނުނު ބުދު ވައްތަރީ އަޅުކަންކުރުމަށް ވުރެ އެކިއެކި މުނާސަބާތަކުގައި އުފާފާޅުކުރަން ގެންގުޅޭ ޒާތުގެ ބުދަކާއެވެ. އަދި އެ ބުދަކީ މީގެ 1،500 އަހަރަށް ވުރެ ކުރީގެ ބުދެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ލ. ކަލައިދޫންވެސް ބުދެއް ފެނިފައިވެއެވެ.