މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ފެށުމުގެ ގޮތުން މިރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ތ. ތިމަރަފުށި ބަލިކޮށް، ކ. ގާފަރުން ޝީލްޑް އުފުލާލައިފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުގައި މިރޭ ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށީ ކުލަގަދަ ހަފުލާއަކާއެކުގައެވެ. މެޗު ފެށުމުގެ ކުރިން ހާއްސަ މިއުޒިކީ ހަރަކާތްތަކަކާއެކު މުބާރާތުގެ ލަވަ އިއްވާލާފައިވާ އިރު، އާ ތަށިވެސް ދައްކާލާފައިވެއެވެ. ތަށި ދައްކާލީ އެންމެފަހުގެ ޗެމްޕިއަން ތިމަރަފުށީގެ ކެޕްޓަން އިބްރާހީމް ސިނާހް (ސިނާ)އެވެ.

މިރޭގެ މެޗުގައި އެންމެފަހުން ދެ އަހަރުގެ ޗެމްޕިއަން ކައިރިން ގާފަރު ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. ޗެރިޓީ މެޗުގައި ގާފަރު ވާދަކުރަނީ އެންމެފަހުގެ ރަނަރަޕްގެ ގޮތުގައެވެ. ޗެރިޓީ މެޗަކީ ދެ އަހަރުގެ ޗެމްޕިއަނުން ވާދަކުރާނެ އުސޫލަކުން އެކުލަވާލި މެޗެއް ނަމަވެސް، ތިމަރަފުއްޓަކީ ދެ އަހަރުވެސް ޗެމްޕިއަން ކަމަށްވުމުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ފުރުސަތު ދިނީ ގާފަރަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މިރޭގެ ޝީލްޑް މެޗާއެކު މުބާރާތް ފުރިހަމަކޮށް ފަށާފައިވާ އިރު، މިރޭގެ މެޗުން ސްޕެޝަލް އޮލިމްޕިކްސްއަށް ހާއްސަކޮށް، އެހީގޮތުގައި 25،000 ރުފިޔާގެ ދީފައިވެއެވެ.

މިރޭގެ މެޗުގައި ގާފަރުން ރަނގަޅަށް ފަށައި އަލީ މާއިސް (މައްޓު) އާއި އިބްރާހީމް ރިމާހް (ރިމޭ) ހަމަލާތައް އުފެއްދި އިރު، ތިމަރަފުށީގެ ގޯލް ބެލެހެއްޓި މުހައްމަދު ޝަފީއު (ޗެކް) ރަނގަޅު ސޭވްތަކެއް ކުރިއެވެ.

ގާފަރުން ރަނގަޅު ޓެމްޕޯއެއްގައި ކުޅެ ފުރަތަމަ ހާފުގައި ގޯލް ޖެހީ އަޒްޔާން އިބްރާހީމެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ގާފަރު ކެޕްޓަން ސާމިން މުހައްމަދު ނަސީރެވެ. ގާފަރުން ދެވަނަ ހާފުގައި އިތުރު ދެ ގޯލް ޖެހި އިރު، އެ ދެ ގޯލަކީވެސް ރިމޭ ޖެހި ހިތްގައިމު ދެ ގޯލެވެ.

މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ސޮނީ ސްޕޯޓްސް ހަމަޖައްސާފައިވާ އިރު، ސޮނީ ސްޕޯޓްސްއަކީ ރާއްޖޭގައި ކުޅިވަރު ސާމާނު ވިއްކަމުންދާ އެންމެ އިތުބާރު އަދި އެންމެ ޒަމާންވީ ބްރޭންޑެވެ. ރާއްޖޭގެ ކުޅިވަރު ކުރިއެރުމުގެ ފަހަތުގައި ސޮނީ ސްޕޯޓްސްގެ ހިއްސާ ބޮޑުކޮށް އަބަދުވެސް ފެނިގެންދާ އިރު، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ވެސް އެންމެ ގާތް ޕާޓްނަރަކީ ސޮނީ ސްޕޯޓްސްއެވެ.

މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކާމިޔާބު ހަތްވަނަ މުބާރާތެވެ. މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.