ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ގިނަ ކުޅުންތެރިންތަކެއްގެ އެއްބަސްވުން އާކޮށްފިއެވެ.

މިދިޔަ ސީޒަނުގެ ލީގު ކާމިޔާބުކުރި މާޒިޔާއަށް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް މިހާރު ކުޅެމުންދާ އިރު، އެޓީމުން އިއްޔެ ފުރަތަމަ އާކޮށްފައި ވަނީ ގައުމީ ޓީމުގެ ގޯލްކީޕަރު ހުސައިން ޝަރީފާއި ޑިފެންޑަރު ހަސަން ޝިފާޒް (ޑުންގާ) އަދި މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) ގެ އެއްބަސްވުމެވެ. އޭގެ ތެރެއިން ޑުންހާ މިހާތަނަށް 11 ސީޒަނެއް މާޒިޔާގައި ހޭދަކޮށްފައިވާ އިރު، ނިހާޓް ވެސް 2019 ވަނަ އަހަރުން ފެށިގެން ކުޅެމުން ދަނީ މާޒިޔާގައެވެ. އަދި ގޯލްކީޕަރު ހުސައިނަކީ 2016 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުންދާ ކުޅުންތެރިއެކެވެ.

މާޒިޔާއިން އިއްޔެ ވަނީ ގައުމީ ޓީމުގެ އިތުބާރު ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ)ގެ އެއްބަސްވުން އާކޮށްފައެވެ. 2016 ވަނަ އަހަރުން ފެށިގެން މާޒިޔާ ޖާޒީގައި ފެންނަ ސަމުއްޓެއާއެކު މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) އާއި އިބްރާހީމް އައިސަމް ވެސް އިއްޔެ ވަނީ އެއްބަސްވުން އާކޮށްފައެވެ. އޭގެ އިތުރުން 2013 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުން އަންނަ އިޔާން އަބްދުލް އަލީމްވެސް އެއްބަސްވުން އާކުރިއެވެ.

އެ ކުޅުންތެރިންނާއެކު މިއަދު މާޒިޔާއިން ވަނީ އެޓީމުގެ އެންމެ މުހިއްމު ދެ ފޯވަޑް ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒް ހަސަން (ދާދު)ގެ އެއްބަސްވުންވެސް އާކޮށްފައެވެ. ދާދު 2018 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުންދާ އިރު، ހަމްޕުވެސް ދަނީ 2019 ވަނަ އަހަރުން ފެށިގެން މާޒިޔާއަށް ކުޅެމުންނެވެ. ހަމްޕު ވަނީ މާޒިޔާގައި ކުޅެ، 2022 ވަނަ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އެންމެ ހަރުދަނާކޮށް ހިންގަމުންދާ އެންމެ ކާމިޔާބު ކްލަބެވެ. އެޓީމުން ކޮންމެ ސީޒަނަކަށްވެސް ވަރުގަދައަށް ތައްޔާރުވަމުންދާ އިރު، އޭއެފްސީ ކަޕަށް ތައްޔާރުވުމަކީ އެޓީމުގެ އެންމެ ބޮޑު އެއް އަމާޒެވެ. އޭއެފްސީ ކަޕްގެ ނަތީޖާ ރަނގަޅު ކުރުމަށް ރަނގަޅު ދިވެހި ކުޅުންތެރިންނާއެކު ބިދޭސީ ވަރުގަދަ ކުޅުންތެރިންވެސް ގެންނާނެ ކަމަށް ބެލެވެއެވެ.