އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ފުލަމްއާ އެއްވަރުވެއްޖެއެވެ.

މިހާތަނަށް މިއަހަރުގައި ޗެލްސީން ކުޅުނު 11 މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވިފައި ވަނީ އެންމެ މެޗަކުންނެވެ. ރޭ ޗެލްސީ ދަނޑުގައި ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެފައިވާ އިރު، އެޓީމަށް މި ފިނި މޫސުމުގައި ގުޅުނު ގިނަ ކުޅުންތެރިންތަކެއް ރޭގެ މެޗުގައި ފެނިފައިވެއެވެ. ރެކޯޑު 107 މިލިއަން ޕައުންޑަށް ބެންފިކާއިން ގުޅުނު އެންޒޯ ފެނާންޑޭޒް ފުރަތަމަ 11 އަށް ނުކުތް އިރު، މިކައިލޯ މުޑްރީކް ވެސް ފުރަތަމަ 11 އަށް ނުކުމެފައިވެއެވެ.

އޭގެ އިތުރުން ނޮނީ މަޑުއޭގޭ އާއި ޑަޓްރޯ ފޮފާނާވެސް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާ އިރު، އެންޒޯގެ ފަރާތުން މެދުތެރެއިން ރަނގަޅު ކުޅުމެއް ފެނިފައިވެއެވެ.

ޗެލްސީގެ އެޓޭކް ލައިން ލީޑު ކުރީ ކައި ހަވާޓްސްއެވެ. މެޗުގައި ޗެލްސީއަށް ކުރިމަތިވި އެންމެ އުނދަގޫ ކަމަކަށް ދިމާވީ އެޓޭކް ލައިނަށް އެންމެ އެކަށީގެންވާ ފުރުސަތުތަކެއް ތަނަވަސް ކުރަން އުނދަގޫވުމެވެ. ފުރަތަމަ ހާފުގެ ފުރަތަމަ ހަމަލާ ހަވާޓްސްގެ ފަރާތުން ފެނުނު އިރު، އޭނާ އަމާޒުކޮށްލި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފައެވެ.

ފުލްހަމްގެ މެދުތެރެއިން ޖާއޯ ޕައުލީނޯ ދުރުން ޖެހި ބޯޅަ ޗެލްސީ ގޯލްކީޕަރު ކެޕާ އަރީޒާބަލާގައި މަތަކޮށް ބޭރުކޮށްލި އިރު، ދެވަނަ ހާފުގައި އެންޒޯގެ ބާރު ހަމަލާ ބޭރަށް ދިޔައީ ދަނޑީ ކައިރިންނެވެ. އޭގެ އިތުރުން ކޯނޯ ގަލެގާ ޖެހި ބޯޅަވެސް ބޭރަށް ދިޔައީ ދަނޑީކައިރިންނެވެ.

ޗެލްސީއަށް ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. 21 މެޗުން 30 ޕޮއިންޓް އެޓީމަށް ލިބިފައިވާ އިރު، ފުލަމް އޮތީ ހަވަނައިގައެވެ. އެއީ 22 މެޗުން 32 ޕޮއިންޓާއެކުގައެވެ.