މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. އެއާއެކު މިރޭ ހާއްސަ އިވެންޓަކާއެކު މުބާރާތް ފެށިގެންދާނީ ހާއްސަ ޗެރިޓީ މެޗަކުންނެވެ. މެޗުގައި ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި ކ. ގާފަރެވެ.

މުބާރާތުގެ އެންމެފަހު ދެ އަހަރުގެ ޗެމްޕިއަނުންނަކީވެސް ތިމަރަފުށި ކަމަށްވާ އިރު، ޗެރިޓީ މެޗުގައި ގާފަރު ވާދަކުރަނީ އެންމެފަހުގެ ރަނަރަޕްގެ ގޮތުގައެވެ. ޗެރިޓީ މެޗަކީ ދެ އަހަރުގެ ޗެމްޕިއަނުން ވާދަކުރާނެ އުސޫލަކުން އެކުލަވާލި މެޗެއް ނަމަވެސް، ތިމަރަފުއްޓަކީ ދެ އަހަރުވެސް ޗެމްޕިއަން ކަމަށްވުމުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ފުރުސަތު ދިނީ ގާފަރަށެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ހާއްސަ ބަދަލުތަކަކާއެކު ކޮންމެ ފަހަރަކުވެސް ތަފާތުތަކެއް ފެންނަމުންދާ މުބާރާތަކަށްވީ އިރު، އެ މުބާރާތުގެ އެއް ޕާޓްނަރަކީ ސްޕެޝަލް އޮލިމްޕިކްސްއެވެ. މިރޭގެ ޗެރިޓީ މެޗުން ސްޕެޝަލް އޮލިމްޕިކްސްއަށް ހާއްސަކޮށް، އެހީގޮތުގައި 25،000 ރުފިޔާގެ ދެވިގެންދާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް އިންތިޒާމް ކުރުމުގައި ބުރަކޮށް ހަރަކާތްތެރިވަމުންދާ އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ (ރިލޭ) ވަން އަށް ވިދާޅުވީ މުބާރާތް މިފަހަރު ކުރިއަށްވުރެވެސް އިންތިޒާމްތައް ރަނގަޅުވާނެ ކަމަށާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ޗެރިޓީ މެޗަކުން މުބާރާތް ފެށުމަކީ ހެޔޮ ބަދަލެއް ކަމަށެވެ.

ރިލޭ ވިދާޅުވީ ކުރިއަށް އޮތް ކޮންމެ މުބާރާތެއްގެ ކުރިންވެސް ދަރުމަވެރިކަމުގެ މެޗެއް ކުޅޭނެ ކަމަށާއި އެއީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނަށް ލިބޭ އުފަލެއް ކަމަށެވެ.

މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ސޮނީ ސްޕޯޓްސްއާއެކު ސޮއިކޮށްފައިވާ އިރު، ސޮނީ ސްޕޯޓްސްއަކީ ރާއްޖޭގައި ކުޅިވަރު ސާމާނު ވިއްކަމުންދާ އެންމެ އިތުބާރު އަދި އެންމެ ޒަމާންވީ ބްރޭންޑެވެ. ރާއްޖޭގެ ކުޅިވަރު ކުރިއެރުމުގެ ފަހަތުގައި ސޮނީ ސްޕޯޓްސްގެ ހިއްސާ ބޮޑުކޮށް އަބަދުވެސް ފެނިގެންދާ އިރު، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ވެސް އެންމެ ގާތް ޕާޓްނަރަކީ ސޮނީ ސްޕޯޓްސްއެވެ.

މީގެ ކުރިން ހަ ފަހަރަށް ކާމިޔާބުކަމާއެކު ބާއްވާފައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް މިދިޔަ އަހަރުވެސް ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، އެ މުބާރާތުގައި ޖުމުލަ 91 ޓީމު ވާދަކޮށްފައިވެއެވެ. އެ މުބާރާތުގައި 177 މެޗު ކުޅެވިގެން ދިޔަ އިރު، ސަޕޯޓަރުންގެ ފޯރި ފެނުނީ ވަރަށް ގަދަކޮށެވެ. ހާއްސަކޮށް ރަށްރަށުގައިވެސް މުބާރާތުގެ ފޯރި ނަގާފައިވާކަން ފާހަގަވެފައިވެއެވެ.

މިއަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.