ވަރަށް ގިނަ ޣައިރު މުސްލިމު ގައުމުތަކުގައިވެސް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އުގޫބާތް ދޭ ކަމަށާއި މި ރާއްޖޭގައިވެސް އެ ތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު އޮންނަ އުގޫބާތަށްވުރެ ހަރުކަށި އުގޫބާތެއް ކަނޑައެޅުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"މަސްތުވާތަކެތީގެ ނުރައްކާ" މި މައުޟޫއަށް ދިން ހުކުރު ހުތުބާގައި ބުނީ, މިއަދު ދުނިޔެއާ ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ މަސްތުވާތަކެތީގެ ވަބާ ކަމަށެވެ. އެގޮތުން މީހަކަށް ބައްޔެއް ޖެހިއްޖެ ނަމަ މަސައްކަތް ކުރާނީ އެ ބަލި ފަސާހެވޭތޯ ކަމަށާއި އެއާ ހިލާފަށް މަސްތުވާތަކެތީގެ އަވާގައި ޖެހިފައިވާ މީހާއަށް އެއާ ދުރަށް ދެވެން ނޯވެ, އޭނާ އެއަށް ދެވިހިފައި, އެއަށް އަޅުވެތިވާ ކަމަށް ބުންޏެވެ.

އަދި އެކަމުން ތިމާއަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް އިހުސާސް ކުރެވޭއިރުވެސް އޭނާއަށް މަޖުބޫރުވެފައިވަނީ އެ ތަކެތި ބޭނުން ކުރުމަށް ކަމަށާއި ތިމާއަށް މިފަދަ ގެއްލުންތައް ލިބެމުންދާއިރުވެސް މަސްތުވާތަކެއްޗާ ދުރަށް ދިއުމުގެ ބަދަލުގައި އޭނާ މަސައްކަތް ކުރަމުންދަނީ ތިމާގެ އަމިއްލަ އަތުން ތިމާގެ ނަފުސާއި ހަށިގަނޑު ހަލާކުކޮށް ނައްތާލުމަށް ކަމަށް ބުންޏެވެ.

އިސްލާމް ދީން އެދި ގޮވާލަނީ މަސްތުވާތަކެތިން ދުރުހެލިވެ, އެކަމުން ސަލާމަތްވުމަށްކަން ފާހަގަކޮށް ހުތުބާގައި ބުނީ, މަސްތުވާތަކެތި ބޭނުންކުރާ މީހަކު, އެކަމުން ސަލާމަތްވާން މަސައްކަތް ކުރަން އުޅުނުކަމުގައިވިޔަސް އެކަމުގެ ވިޔަފާރީގައި އުޅޭ މީހަކަށް އެކަން އެނގޭ އިރަށް, ކަންބޮޑުވެ އޭނާ އެކަމުން ދުރަށް ދިޔަ ނުދިނުމަށް ކުރެވެން އޮތްހާ މަސައްކަތެއް ކުރާ ކަމަށެވެ. އަދި އެހެން ގޮތެއް ނެތްނަމަ އެ މީހަކު މަރަންވެސް ފަސްނުޖެހޭނެ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ, މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރުދަކު ނުވާ އާއިލާއެއް މިއަދު ދިވެހި މުޖުތަމައުގައި މަދުވާނެ ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު އޯވަޑޯޒްވެ މަރުވުމުގެ ސަބަބުން ކުށެއް ނެތް އެތައް ކުދިންނެއް ޔަތީމުވެ, އެތައް އަންހެނުންނެއް ހުވަފަތްވެ, އެތައް އާއިލާތަކެއްގެ ދިރިއުޅުން ރޫޅި އެތައް ކުދިންނެއް ނިކަމެތިވެފައިވާ ކަމަށެވެ.