ކުޅިވަރު

2030 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުމަށް ޝައުގުވެރިވަނީ ކޮންބައެއް؟

އިމާދު ލަތީފު

ދެހާސް ތިރީސް ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާނެ ގައުމެއް ނުވަތަ ގައުމުތަކެއް ކަނޑައަޅާނީ ކުރިއަށްއޮތް 2024 ވަނަ އަހަރު ބާއްވާ ފީފާގެ 74 ވަނަ ކޮންގްރެސްގައެވެ. ވޯލްޑްކަޕަށް ބިޑްކުރުމުގެ މަރުހަލާ ހުސްވި 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ވަނީ ފެށިފައެވެ. މިފަހަރު ގިނައިން ފެންނަނީ އެއްގައުމަށްވުރެ ގިނަ ގައުމު ގުޅިގެން ބިޑްކުރަން މަސައްކަތްކުރާ މަންޒަރެވެ. ދެކުނު އެމެރިކާ ސަރަހައްދުން އާޖެންޓީނާ އާއި އުރުގުއާއީ ގުޅިގެން ވަނީ ބިޑްކޮށްފައެވެ. މި ބިޑްގައި ތަންކޮޅެއް ފަހުން ޕެރަގުއޭ ވަނީ ބައިވެރިވެފައެވެ. ރަސްމީކޮށް ޗިލީ އަދި ބައިވެރިނުވިޔަސް މި ތިންގައުމުގެ ބިޑުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ޗިލީންވެސް ވަނީ ފާޅުކޮށްފައެވެ. މިއީ ދެކުނު އެމެރިކާގެ ހަމައެކަނި ބިޑަކަށް ނުވާނެއެވެ. ކޮލަމްބިއާ އާއި ޕެރޫ އަދި އިކުއެޑޯރު ގުޅިގެން ބިޑު ކުރުމަށްވެސް ދަނީ ތައްޔާރު ވަމުންނެވެ.

ޔޫރަޕުގެ ގައުމުތަކުގެ ތެރެެއިން ސްޕޭނާއި ޕޯޗުގަލް ގުޅިގެން ބިޑްކުރާނެކަން ވަނީ އިއުލާންކޮށްފައެވެ. މި ދެގައުމުގެ ބިޑުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ޔުކްރޭނުންވެސް ވަނީ ފާޅުކޮށް އެކަން އިއުލާންކޮށްފައެވެ. ތަންކޮޅެއް ކުރިން އިނގިރޭސިވިލާތުންވެސް 2030 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުމުގެ ޝައުގުވެރިކަން ހުރިކަމަށް ބުނެ އެކަމަށް ހިސާބަކަށް މަސައްކަތްވެސް ކުރުމަށްފަހު މިހާރު ވަނީ އެ ޚިޔާލު ދޫކޮށްލައިފައެވެ. ޔޫރަޕުގެ ދެކުނު ބިތުން ގްރީސް އާއި ރުމޭނިޔާ އާއި ސާރބިޔާ އަދި ބަލްގޭރިޔާ ގުޅިގެން ބިޑްކުރުމާމެދު ވަރަށް ބޮޑަށް ޚިޔާލު ކުރުމަށްފަހު ދާދިފަހުން ވަނީ އެ ޚިޔާލު ދޫކޮށްލައިފައެވެ. ޔޫރަޕުގެ ފުޓްބޯޅަ ކޮންފެޑެރޭޝަން ކަމަށްވާ ޔުއޭފާއަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން ކަޒަކަސްތާނު އަދިވެސް ޝައުގުވެރިކަން ދޫކޮށެއް ނުލައެވެ.

އެންމެފަހުގެ ވޯލްޑްކަޕް ބޭއްވުނީ އޭޝިޔާގައި ކަމަށްވާތީ ފީފާގެ އެންމެ ފަހުގެ ގަވާއިދު ބުނާގޮތުން އޭޝިޔާގެ ގައުމަކަށް ކުރިމައްޗެއް ނުލެވޭނެއެވެ. އެކަން އެހެންއޮތަސް އުތުރު ކޮރެޔާއާއި ގުޅިގެން ބިޑް ކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ދެކުނު ކޮރެޔާއިން ވަނީ ބުނެފައެވެ. އުތުރު ކޮރެޔާގެ ޝައުގުވެރިކަމެއް ނެތީވިއްޔާ ޖަޕާނާއި ޗައިނާއާ ގުޅެންވެސް ތައްޔާރު ކަމަށް ބުނެފައިވެއެވެ. މީގެތެރެއިން ޗައިނާ ވަނީ އެހެން ބަޔަކާ ނުގުޅި ޗައިނާ އަމިއްލައަށް ބިޑް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފައެވެ. އަނެއްކޮޅުން އޮސްޓްރޭލިޔާއިންވެސް ވަނީ ދެގޮތަކަށް ބިޑްކުރަން ގަސްތުކުރާ ކަމަށް ބުނެފައެވެ. އެއްގޮތަކީ އިންޑޮނީޝިޔާއާ ގުޅިގެން ބިޑްކުރުމެވެ. އަނެއްގޮތަކީ އޯޝޭނިއާ ކޮންފެޑެރޭޝަންގެ މެންބަރުންގެ ތެރެއިން ނިއުޒީލެންޑާ ބައިވެރިވެގެން ބިޑްކުރުމެވެ.

އެފްރިކާގެ އުތުރު ބިތުގެ ގައުމުތަކުގެ ތެރެއިން މޮރޮކޯއަކީ 2030 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވާ ގައުމެކެވެ. ޓިއުނީޝިޔާއާ ގުޅިގެން ވަކި ބިޑެއް ހުށައަޅަން އަލްޖީރިޔާއިންވެސް ބޭނުންވެއެވެ. މިސްރަކީވެސް މިކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ގައުމެކެވެ. އެފްރިކާގެ ހުޅަނގު ބިތުގެ ގައުމުތަކުގެ ތެރެއިން ކެމެރޫނުން ދަނީ އެސަރަހައްދުގެ އެހެން ހަތަރު ފަސްގައުމަކާ ގުޅިގެން ބިޑެއް ހުށައެޅުމަށް ތައްޔާރުވަމުންނެވެ. ނައިޖީރިޔާ، އެންގޯލާ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ކޮންގޯ، ގޭބޮން އަދި އިކުއެޓޯރިއަލް ގިނީއަކީ މި ބިޑުގައި ބައިވެރިކުރުމަށް ކެމެރޫނުން އެދޭ ގައުމުތަކެވެ. އެހެންނަމަވެސް މިވާހަކައަކީ ކެމެރޫން ފިޔަވައި އެހެން ބަޔަކު އަދި މާބޮޑަށް ދައްކާ ވާހަކައެއް ނޫނެވެ.

އެއް ކޮންފެޑެރޭޝަނަށްވުރެ ގިނަ ކޮންފެޑެރޭޝަންތަކަށް ނިސްބަތްވާ ކްރޮސް ކޮންފެޑެރޭޝަން ބިޑެއް ނުވަތަ ބިޑުތަކެއްގެ ވާހަކަވެސް އެބަދެކެވެއެވެ. ޔުއޭފާއަށް ނިސްބަތްވާ އިޒްރޭލުން ދަނީ އޭއެފްސީއަށް ނިސްބަތްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހުރޭނާ ވާހަކަ ދައްކައިގެން މި ތިންގައުމުގެ ބިޑަކަށް މަސައްކަތް ކުރަމުންނެވެ. އެފްރިިކާއަށް ނިސްބަތްވާ މިސްރުގެ ޝައުގުވެރިކަން ހުރީ ޔޫރަޕަށް ނިސްބަތްވާ ގްރީސް އާއި އޭޝިޔާއަށް ނިސްބަތްވާ ސައޫދީ އަރަބިޔާއާ ގުޅިގެން ތިން ގައުމުގެ ބިޑެއް ހުށައެޅުމަށެވެ. ކުރިންވެސް ބަޔާން ކުރެވުނު ފަދައިން އޯޝޭނިއާއަށް ނިސްބަތްވާ ނިއުޒީލެންޑް ބައިވެރިކޮށްގެން ބިޑެއް ހުށައެޅުމަށް އޭއެފްސީއަށް ނިސްބަތްވާ އޮސްޓްރޭލިޔާގެ ޝައުގުވެރިކަންވެސް އެބަހުއްޓެވެ.

އަރަބި ދުނިޔޭގައި މުޅިން އަލަށް ވޯލްޑްކަޕް ބޭއްވުނުތާ އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. އަރަބި ދުނިޔޭގައި ބޭއްވުނު ފުރަތަމަ ވޯލްޑްކަޕަކީ ހުސްވި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ވޯލްޑްކަޕެވެ. އެއީ ވޯލްޑްކަޕްގެ ދިގު ތާރީޚުގައި މިހާތަނަށް ބޭއްވުނު އެންމެ ފެންވަރު ރަނގަޅު އެންމެ ފޯރިގަދަ ވޯލްޑްކަޕްވެސް މެއެވެ. މި ވޯލްޑްކަޕަށް މާގިނަ ދުވަސްތަކެއްނުވެ އަރަބި ދުނިޔެއިން އަނެއްކާވެސް މިފެންނަނީ ވޯލްޑްކަޕަށް ބިޑްކުރަން އުޅޭ މަންޒަރެވެ. ވޯލްޑްކަޕް ބޭއްވުމުގެ ރޭހުގައި ކުރިންވެސް ބަޔާންކުރެވުނު ގޮތަށް އެފްރިކާގެ އުތުރު ބިތަށް ނިސްބަތްވާ އަރަބި ގައުމުތަކާއި އޭޝިއާގެ ހުޅަނގު ބިތަށް ނިސްބަތްވާ އަރަބި ބައެއް ގައުމުތައް އެބަހިމެނެއެވެ. ކޮންމެއަކަސް މިވަގުތު އެނގެނީ އަދި ހަތަރު އަހަރު ފަހުން 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާނެ ތަނެކެވެ. އެ ވޯލްޑްކަޕް ބާއްވާނީ އުތުރު އެމެރިކާއިން އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައެވެ.