އުރީދޫ މޯލްޑިވްސް އިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން ނިންމައިފިއެވެ.
މިދިޔަ އަހަރުގެ ކުންފުނީގެ ފައިދާއިން ހިއްސާއަކަށް ދޭނެ މިންވަރު ނިންމާފައިވަނީ މިއަދު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމަކުންނެވެ.
މިފަހަރު ބަހަން ނިންމި އަދަދަކީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 34 ލާރި އިތުރު އަދަދެކެވެ. އުރީދޫން 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ނިންމީ ހިއްސާއަކަށް 2.70 ރުފިޔާއެވެ.
އެކަމާ ގުޅޭގޮތުން އުރީދޫން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ ހިއްސާ ލިބޭނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ތިބޭ ފަރާތްތަކަށް ކަމަށެވެ.
އުރީދޫން ބުނީ ބޯޑު ބައްދަލުވުމުގައި މިދިޔަ އަހަރުގެ މާލީ ހިސާބުތައް ވެސް ވަނީ ފާސްކޮށްފައެވެ. އަދި އެ ހިސާބުތައް މިމަހުގެ ހަތްވަނަ ދުވަހުގެ ކުރިން ޝާއިއު ކުރާނެ ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ މާލީ ހިސާބުތަކާއި އެހެނިހެން ނިންމުންތައް އަންނަ މަހު ބާއްވަން ހަމަޖެހިފައި އޮތް އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހުށަހެޅޭނެ ކަމަށާއި އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި ޖަލްސާގެ ތާރީހު ހިމެނޭ ނޯޓިސް މިމަހުގެ 21 ގެ ކުރިން އުރީދޫގެ ވެބްސައިޓުގައި ޝާއިއު ކުރާނެ ކަމަށެވެ.