ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޑިފެންޑަރު، މެންޗެސްޓާ ޔުނައިޓެޑްގެ ރަފޭލް ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލައި އެކަން އިއުލާން ކޮށްފިއެވެ.
އުމުރުން 29 އަހަރުގެ ވަރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މިއަދު އިއުލާން ކޮށްފައިވާ އިރު، އޭނާ ހުއްޓާލީ 93 މެޗަށްފަހުއެވެ. 2013 ވަނަ އަހަރު ގައުމީ ޓީމުގެ ކެރިއަރު ފަށައި، ޓީމުގެ މުހިއްމު ޑިފެންޑަރެއްގެ ގޮތުގައި ވަރާން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ނަގައިފައެވެ.
ވަރާން ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު މެޗަކަށްވެފައި ވަނީ މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ފައިނަލް މެޗެވެ. އެ ފައިނަލް މެޗުގައި ފްރާންސުން އާޖެންޓީނާއާ ދެކޮޅަށް ކުޅެ ބަލިވެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު ވަރާން ދިން ހާއްސަ މެސެޖުގައި ބުނީ، 10 ވަރަކަށް އަހަރު ދުވަހު ގައުމީ ޓީމަށް ކުޅުން ވެގެން ދިޔައީ، ކެރިއަރުގައި އެންމެ ބޮޑު އެއް ޝަރަފަށް ކަމަށާއި ގައުމީ ޓީމުގެ ނޫ ޖާޒީގައި ދަނޑު މައްޗަށް ނުކުންނަ ކޮންމެ ފަހަރަކީ އުފާވެރިކަމާއި ފަހުރުވެރިކަމުގެ ތަފާތު އިހުސާސެއް ކުރެވޭ ކަމެއް ކަމަށެވެ.
ވަރާން ބުނީ ގައުމީ ޓީމަށް ކުޅުނު ހުރިހާ މެޗެއްގައިވެސް އެންމެ ފުރިހަމައަށް ކުޅެފައިވާނެ ކަމަށާއި މިވަގުތަކީ ރިޓަޔާވާން އެންމެ އެކަށީގެންވާ ވަގުތު ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ އިތުރަށް ބުނީ އެންމެ ޅައިރު ބެލީ 1998 ވަނަ އަހަރުގެ ފްރާންސް ޓީމުން ވޯލްޑް ކަޕް ތަށި އުފުލާލައި ހޯދި ކާމިޔާބީ ކަމަށާއި އޭގެ 20 އަހަރު ފަހުން ގައުމަށް ވޯލްޑް ކަޕް ތަށި ހޯދައިދެވުމަކީ ކެރިއަރުގައި އެންމެ ފަހުރުވެރިވި ވަގުތުކޮޅު ކަމަށެވެ.
ވޯލްޑް ކަޕަށްފަހު، މި ޖެނުއަރީ މަހު ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ރިޓަޔާމަންޓް އިއުލާން ކޮށްފައިވާ އިރު، ގައުމީ ޓީމުގެ ކެޕްޓަން ކަމުގައި އޭގެ ފަހުން ހުރީ ވަރާނެވެ. ވަރާންގެ ކެޕްޓަން ކަމުގެ ދަށުގައި ފްރާންސް މެޗެއް ކުޅެފައެއް ނުވެއެވެ.