ޚަބަރު

ގޮފިތަކެއް ހެދުމުގެ މަސައްކަތެއް ނުކުރަން، ކުރަނީ "ފިކުރެއްގެ ދިރުމަށް" ތާއީދު ހޯދުމުގެ މަސައްކަތް: ހަސަން

އަލީ ޔާމިން

3

އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮފިތަކެއް ހެދުމުގެ މަސައްކަތް އަދި ނުކުރާ ކަމަށާއި ކުރަމުން އަންނަ މަސައްކަތަކީ "ފިކުރެއްގެ ދިރުން"ގެ ސިޔާސަތުތަކަށް ތާއީދު ހޯދުމުގެ މަސައްކަތް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު އަދި "ފިކުރެއްގެ ދިރުން"ގައި އިސްކޮށް ހަރަކާތްތެރިވާ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި ރިޔާސީ ޓިކެޓު ކަށަވަރުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް ދެކޮޅު ހައްދަވައި "ފިކުރެއްގެ ދިރުން"ގެ ފަރާތުން ތާއީދުކުރާނެ ކެންޑިޑޭޓެއް ފަހުން ދައްކަވާނެ ކަމަށް ވިދާޅުވެފައެވެ.

ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީއަށްފަހު، ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންގެންދަވަނީ "ފިކުރެއްގެ ދިރުމުގެ" ނަމުގައި ގިނަ ގޮފިތައް އުފައްދަވައި، އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވައި، އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކުރެއްވުމަށް ކަމުގެ އަޑުތައް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

އެކަމާ ގުޅިގެން "ވަން" އަށް މިއަދު ދެއްވި އިންޓަވިޔުއެއްގައި ހަސަން ލަތީފް ވިދާޅުވީ، "ފިކުރެއްގެ ދިރުން" ޓީމުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތަކީ ތާއީދު ހޯދުމުގެ މަސައްކަތް ކަމަށާއި ފުރަމުންގެންދަނީ ތާއީދު ފޯމުތަކެއް ކަމަށެވެ. އަދި އެއީ ގޮތްޕެއް ހެދުމަށް ކުރަމުން އަންނަ މަސައްކަތެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ގޮތްޕެއް ހެދުމުގެ ވާހަކައެއް ނުދައްކާ އަދިއެއް. މިހާރު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މި ފިކުރަށް، މި ފިކުރަކީ ރަނގަޅު ފިކުރެއް ކަމަށް ގަބޫލުކުރާ ފަރާތްތަކުގެ ތާއީދު ހޯދުމުގެ މަސައްކަތް. އަޅުގަނޑުމެންގެ ތާއީދު ފޯމުތައް ފުރިދާނެ ކޮންމެ ޕާޓީއެއްގެ މީހަކަށްވެސް. ވަކި އެމްޑީޕީ މެންބަރަކަށްވާކަށް ނުޖެހޭ،" ހަސަން ލަތީފް ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު "ދޮންމަނިކު ސްކައިވިއު"ގައި ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮފިތައް އުފައްދަވައި އެ ގޮފިތަކަށް 50،000 މެންބަރުން ހަމަކުރުމަކީ ބޭނުންތެރިކަމެއް ކަމުގައި ވިދާޅުވެފައެވެ.

ހަސަން ލަތީފް އިތުރަށް ވިދާޅުވީ، "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮފިތަކެއް ހެދުމުގެ ވާހަކަތަކެއް އެއިރު ދެއްކެވުނު ކަމަށާއި ނަމަވެސް ގޮފިތަކެއް ހަދައިގެން އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވައި އެމްޑީޕީގެ އަސާސީ ގަވައިދަށް ބަދަލުތަކެއް ގެނައުމަށް އެއްވެސް މަސައްކަތެއް "ފިކުރެއްގެ ދިރުމުގެ" ޓީމުން އަދި ނުކުރާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟