ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލައިގައި, މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާނެއް ދިންކަމުގެ ދައުވާގެ ދިފާއުގައި މުއިއްޒު ހުށަހަޅުއްވާފައި ހުރި ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ކޯޓުގައި އެދިއްޖެއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި މިއަދު އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށާހެޅުންތައް ހުށަހެޅުމެވެ.

އެކަމަށްޓަކައި ދިން ފުރުސަތުގައި، މުއިއްޒުގެ ދިފާއީ ހެކިތައް ބަލައިނުގަތުމަށް ދައުލަތުގެ ވަކީލު މުހައްމަދު އަބްދުﷲ އެދިވަޑައިގަތީ އެ މައްސަލައިގެ ތަހުގީގުގައި ޑރ. މުއިއްޒު ހަނު ހުންނެވުމުންނެވެ. ވަކީލު ވިދާޅުވީ ތަހުގީގުގައި ހަނު ހުރުމުގެ އިތުރުން މުއިއްޒު އާބިޓްރޭޝަނަށް ދީފައިވާ ކަމަށް ބުނާ ބަޔާނަށް ވެސް އިންކާރު ނުކުރާ ކަމަށެވެ.

އެހެންކަމުން އެ ބަޔާނުގައި މުއިއްޒުގެ ސޮއި ކަމަށް ހިމަނާފައިވާ ސޮޔަކީ އޭނާގެ ސޮއި ނޫން ކަމަށް ސާބިތުކުރަން ދިފާއީ ހެކީގެ ގޮތުގައި ތިން މީހަކު ހުށަހެޅިޔަސް އެ ހެކިން ބަލައިނުގަނެވޭނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު އިތުރަށް ވިދާޅުވީ، އިތުރު ދިފާއީ ހެކިންގެ ގޮތުގައި މުއިއްޒު ހުށަހެޅުއްވި، އޭރު ހައުސިން މިނިސްޓްރީގައި މަސައްކަތްކޮށްފައިވާ މީހުންނަކީ މައްސަލައިގެ ވާގިއާތަކާ ގުޅުމެއް އޮތް ހެކިން ނޫން ކަމަށެވެ.

އާބިޓްރޭޝަނަށް ބަޔާނެއް ނުދެއްވާ ކަމަށް ވިދާޅުވެ 11 ދިފާއީ ހެކިން މުއިއްޒު ވަނީ ހުށަހަޅުއްވައިފައެވެ.

ދައުލަތުގެ ވަކީލުގެ ވާހަކަތަކާ ގުޅިގެން ރައްދުދެއްވައި މުއިއްޒުގެ ދިފާއީ ވަކީލު ހިޝާމް މަޖީދު ވިދާޅުވީ ހަނު ހުރުމަކީ އަސާސީ ހައްގެއް ކަމަށެވެ. އަދި ހަނު ހުރުން އެމީހާއާ ދެކޮޅަށް ބޭނުންކުރަން ވަކި ހާލަތްތަކެއް އޮންނަ ކަމަށާއި، އެފަދަ އެއްވެސް ހާލަތެއް މި މައްސަލައިގެ ތަހުގީގުގައި ދިމާވެފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އާބިޓްރޭޝަނަށް މުއިއްޒު ދީފައިވާ ކަމަށްބުނާ ބަޔާން ހިއްސާކުރުމަށް އެކި ފަހަރުމަތިން އެދުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ބަޔާނާ ގުޅިގެން ތަހުގީގަށް ޖަވާބުދާރީވާން ޖެހޭކަން އެނގޭނީ ވެސް އެ ބަޔާން ފެނިގެން ކަމަށާއި، ހަނު ހުރުމަކީ މައްސަލައިގެ ތަފުސީލެއް އެ މީހަކަށް ހިއްސާކުރުމަށް އޮތް ގާނޫނީ ހުރަހެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ހުށަހެޅި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.