އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެވަނަ ލެގުގައިވެސް ރޭ ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ފައިނަލަށް ދަތުރުކޮށްފިއެވެ.
ޔުނައިޓެޑު ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން 2-0 އިން ފޮރެސްޓް ބަލިކޮށްފައިވާ އިރު، އެޓީމުން ފައިނަލް ޔަގީންކުރީ ދެ ލެގުން އެގްރިގޭޓް 5-0 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ ލީގު ކަޕް ފައިނަލުގައި ޔުނައިޓެޑުން ނުކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. މީގެ ކުރިން 1999 ވަނަ އަހަރު އެފްއޭ ކަޕް ފައިނަލުގައި ޔުނައިޓެޑާއި ނިއުކާސަލް ވާދަކޮށްފައިވާ އިރު، އެ މެޗު 2-0 އިން ކާމިޔާބުކުރީ ޔުނައިޓެޑެވެ.
ޔުނައިޓެޑުން އެންމެ ފަހުން ލީގު ކަޕް ފައިނަލުގައި ކުޅުނީ 2017 ވަނަ އަހަރުއެވެ. އެފަހަރު ޖޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑް ވަނީ ލީގު ކަޕްގެ ތަށި ހޯދައިފައެވެ. ޔުނައިޓެޑަށް ތައްޓެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އެޓީމަށް އެންމެފަހުން ތައްޓެއް ލިބިފައިވަނީވެސް އެ އަހަރުއެވެ.
ޔުނައިޓެޑުން އެންމެފަހުން 2017 ވަނަ އަހަރު ހޯދި ތައްޓަކީ އެއަހަރު ޔޫރޮޕާ ލީގުގެ ފައިނަލުގައި އަޔެކްސް ބަލިކޮށް ހޯދި ތައްޓެކެވެ. އޭގެ ފަހުން ޔުނައިޓެޑުން ހަ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅުނު އިރު، ދެ މުބާރާތެއްގެ ފައިނަލުން ވަނީ ބަލިވެފައެވެ. ބަލިވި ފައިނަލުތަކަކީ 2018 ގެ އެފްއޭ ކަޕް ފައިނަލާއި 2021 ގެ ޔޫރޮޕާ ލީގުގެ ފައިނަލެވެ.
ރޭ ކުޅުނު މެޗުގައި ޔުނައިޓެޑްގެ ދެ ގޯލުވެސް ޖެހީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދޭން ވައުޓް ވެގްހޯސްޓް ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ 73 ވަނަ މިނެޓުގައި އެންތަނީ މާޝިއަލް ޖެހި ގޯލުންނެވެ.
މާޝިއަލް ގޯލު ޖެހީ އޭރިއާ ތެރެއިން މާކަސް ރަޝްފޯޑް ދިން ބޯޅައެއް ހޯދުމަށް ފަހުއެވެ. އޭގެ ތިން މިނެޓު ފަހުން، ފްރެޑް ވަނީ ޔުނައިޓެޑުގެ ދެވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަށްވެސް ފުރުސަތު ތަނަވަސްކޮށްދިނީ ރަޝްފޯޑެވެ.