ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ރެއާލް ބެޓިސް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފިއެވެ.

ބާސާއިން ރަށުން ބޭރުގައި ކުޅުނު މެޗުގައި ރޭ ބެޓިސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ބާސާއިން ލީގުގައި ކުޅުނު 19 މެޗުން 50 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 18 މެޗުން 42 ޕޮއިންޓް ލިބިފައެވެ. ރޭގެ މެޗުން ބަލިވި ބެޓިސް އޮތީ ހަވަނައިގައެވެ. އެއީ އެއްވަނައިގައި އޮތް ބާސާއާ 19 ޕޮއިންޓް ފަރަގެއްގައެވެ.

ދެވަނައިގައި އޮތް ރެއާލުން މި ހަފުތާ ކުޅޭ މެޗުގައި މިރޭ ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.

މެޗު ރަނގަޅަށް ފެށި ބާސާގެ ނުރައްކާތެރި ތިން ހަމަލާއެއް ބެޓިސްގެ ގޯލްކީޕަރު ރުއި ސިލްވާ މަތަކޮށް ބޭރުކޮށްލި އިރު، ދެވަނަ ހާފުގައި ބާސާއަށް ލީޑު ނަގައިދިނީ އަލެހާންޑްރޯ ބާލްޑޭގެ ހުރަހަކުން ރަފީނިއާއެވެ.

ބާސާއިން ދެވަނަ ގޯލެއް ޖެހީ މެޗުގެ 80 ވަނަ މިނެޓުގައެވެ. ރޮބާޓް ލެވަންޑޯސްކީ، ސީޒަނުގެ ލީގުގައި ޖެހި 14 ވަނަ ގޯލާއެކު ބާސާގެ ލީޑު ފުޅާކުރި އިރު، ޖޫލްސް ކޫންޑޭ އަތުން ބައިކޮޅަށް ވަން ގޯލާއެކު ބެޓިސްއިން އެޓީމުގެ ހަމައެކަނި ގޯލު ޖެހިއެވެ.

މެޗުގެ ފަހު ކަށިގަނޑަށްފަހު ރެފްރީންނަށް ޝަކުވާ ކުރުމާއެކު ބެޓިސްގެ މިޑްފީލްޑަރު ވިލިއަމް ކާވާލިއޯއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.