ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި މޮންޕެލިއޭ ކައިރިން މޮޅުވެއްޖެއެވެ.

މޮންޕެލިއޭގެ ދަނޑުގައި ރޭ ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ޕީއެސްޖީން މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 21 މެޗުން 51 ޕޮއިންޓާއެކުގައެވެ. ފްރާންސް ލީގުގެ ދެވަނައިގައި މިވަގުތު އޮތީ މާސޭއެވެ. އެޓީމަށް 21 މެޗުން 46 ޕޮއިންޓް ލިބިފައިވާ އިރު، ލެންސް ތިންވަނައިގައި އޮތީ 21 މެޗުން 45 ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗުގެ ނުވަވަނަ މިނެޓުގައި ޕީއެސްޖީގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ޖެހި ޕެނަލްޓީ ނާކާމިޔާބުވި އިރު، ރެފްރީގެ ނިންމުމާއެކު ދެވަނަ ފަހަރަށް އެ ޕެނަލްޓީ ޖަހަން ލިބުމުންވެސް އެމްބާޕޭ އަތުންވީ ނާކާމިޔާބެވެ.

ޕީއެސްޖީއަށް މެޗުގެ ފުރަތަމަ ހާފުގައި ކުރިމަތިވި މާޔޫސްކަމަކީ ސާޖިއޯ ރާމޯސްއާއި ކިލިއަން އެމްބާޕޭއަށް އަނިޔާވެ ބާލަން ޖެހުމެވެ. މެޗުގެ 21 ވަނަ މިނެޓުގައި އެމްބާޕޭގެ ފަލަމަސްގަނޑަށް އަނިޔާވެ އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ހޫގޯ އެކްޓީކޭއެވެ. ރާމޯސްގެ ބަދަލުގައި 32 ވަނަ މިނެޓުގައި ކުޅެން ނުކުތީ ރެނާޓޯ ސަންޗޭޒްއެވެ.

ޕީއެސްޖީގެ ގޯލުތައް ދެވަނަ ހާފުގައި ޖަހައިދިނީ ފަބިއަން ރުއީޒްއާއި ލިއޮނެލް މެސީއާއި ވަރެން ޒައީ-އެމެރީއެވެ. މެޗުގައި މޮންޕެލިއޭގެ ގޯލު ޖަހައިދިނީ އަރްނާދު ނޯޑިންނެެވެ.

ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅެން ވަގުތު ކުޑަތަންވަމުންދާ އިރު، އެމްބާޕޭގެ އަނިޔާ ވެގެންދާނީ ކޯޗު ކްރިސްޓޯފް ގަލްޓިއޭއަށް މާޔޫސް ކަމަކަށެވެ. ރޭގެ މެޗަށްފަހު ކޯޗު ގަލްޓިއޭ ބުނީ އެމްބާޕޭގެ އަނިޔާ ސީރިއަސް ކަމަށް ނުފެންނަ ކަމަށާއި، ބެލެވެނީ މަސްގަނޑުގެ އަނިޔާއެއް ކަމަށެވެ.