ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު، ޑިންގީއެއްގެ ބުރަފަތީގައި ޖެހި މަރުވި މައްސަލައިގައި ހައްޔަރުކުރި ޑިންގީ ދުއްވަން އިން މީހާއަކީ ކަނޑުއުޅަނދު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އެ ހާދިސާ ހިނގީ ތުލުސްދޫ ކަނޑުއޮޅި ކައިރިއަށް ފަތުރުވެރިޔާ ސްނޯކްލިއަންއަށް ގޮސް އުޅެނިކޮށް ތަންކޮޅެއް ނެރުން ބޭރަށް ދިޔަ ވަގުތު އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެންނެވެ. އެ ކަނޑުއޮޅިއަކީ އާންމުކޮށް ފަތުރުވެރިން ސްނޯކްލިއަންއަށް ގޮސް އުޅޭ ސަރަހައްދެކެވެ.

ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ މިދިޔަ އާދިއްތަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ, އެ ހާދިސާގައި މަރުވީ ފިރިހެނެއް ކަމަށާއި ނަމަވެސް އޭނާއަކީ ކިތައް އަހަރުގެ އަދި ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި އޭނާ ޗުއްޓީއަށް ތުލުސްދުއަށް ދިޔައީ ކޮންއިރަކު ކަމެއް އަދި ހުރީ ކޮންތަނެއްގައި ކަމެއްވެސް ނޭނގޭ ކަމަށެވެ.

"ހާދިސާގައި ފަތުރުވެރިޔާގެ އަތެއްވެސް ނެތް. ހަށިގަނޑުގެ އެކި ތަންތަނުން ކަފައިގެން ގޮސް, ގޮހޮރުގެ ބައެއްވެސް މަދު ކަމަށްވަނީ. ސިއްހީ މަރުކަޒަށް ގެނައި އިރުވެސް އޮތީ މަރުވެފައި," އަސްލަމް މޫސާ ވިދާޅުވެފައިވެއެވެ.

ފުލުހުންގެ މީޑިއާއިން އިއްޔެ "ވަން" އަށް ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 30 ވަނަ ދުވަހު 45 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާ އަކީ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް އޮތް މީހެއް ނޫން ކަމަށާއި އޭނާ ދިހަ ދުވަހުގެ މުއްދަތަށް ގޭބަންދު ކުރުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވި މީހާގެ ހަށިގަނޑު އަދި އޮތީ ގަލޮޅު މޯޗަރީގައެވެ. އަދި ބުރަފަތީގައި ޖެހުމުން ކޮނޑުހުޅުން ފެށިގެން ބުރިވި އަތާއި ހަށިގަނޑުގެ އެހެން ބައިތައް އަދިވެސް ނުފެނެއެވެ. އެމީހާގެ ބުރިވި އަތުގައި އެމީހާގެ ގޯޕްރޯވެސް އޮތް ކަމަށް މައުލޫމާތު ލިބެއެވެ.