އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތަކަށް މައުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން އެކްސެސް ދެވޭނެ އެއްބަސްވުމެއްގައި ދެ އިދާރާއިން ސޮއިކޮށްފިއެވެ.

އިމިގްރޭޝަންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ. އަދި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އެވެ.

އެ އެއްބަސްވުމުގެ ދަށުން، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެއްބާރުލުން ދިނުން ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭސީސީގެ މެންބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ، އެ އެއްބަސްވުމުގެ އެންމެ މުހިންމު ކަމަކީ އޭސީސީގެ ތަހުގީގުތަކަށް މައުލޫމާތު ހޯދުމުގައި އިމިގްރޭޝަންގެ ޑޭޓާބޭސްތަކަށް ކަނޑައެޅޭ ވަކި ލިމިޓެއްގެ ތެރެއިން ނަމަވެސް އޭސީސީއަށް އެކްސެސް ދެވިގެންދިއުން ކަމަށެވެ.

ހަނަފީ ވިދާޅުވީ، އެއްބަސްވުމާއެކު ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނުތަކުގެ ސަބަބުން، ކޮރަޕްޝަންގެ އަމަލުތަކަށް ހޭލުންތެރިވުން އިތުރުވެގެންދާނެ ކަމަށެވެ.