ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ 23 ވަނަ ދުވަހު ރިސޯޓު ތަރައްގީކުރަން ބީލަމަށް ހުޅުވާލި 16 ތަނުގެ ތެރޭގައި ހިމެނޭ މ. ބޯހުރާ އެ ލިސްޓުން އުނިކޮށްފިއެވެ.
ބޯހުރާގައި ރިސޯޓު ތަރައްގީކުރަން ބިޑަށް ލުމުން ސާފްކުރުމުގައި ހަރަކާތްތެރިވާ ގިނަ ޒުވާނުންނާއި ޖަމިއްޔާތަކުން ވަނީ ކަންބޮޑުން ފާޅުކޮށްފައެވެ. ސޭވް އަވާ ވޭވްސް ޖަމިއްޔާއިން ބުނެފައިވަނީ ބޯހުރާއަކީ ރާއްޖޭގައި ސާފިންއަށް އޮތް އެންމެ ރަނގަޅު އެއް ތަން ކަމަށްވުމުން އެތަން ރިސޯޓު ހަދަން ދޫކުރުން ބަލައިގަންނަން ދަތި ކަމަށެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބޯހުރާ ކައިރީގައިވާ މަޝްހޫރު ސާފް ޕޮއިންޓް ބޯހުރާގެ ބައުންޑަރީގައި ނުހިމެނޭ ކަމަށެވެ.
"ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް، އަދި ޔޮޓްބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ގަވާއިދުގެ އަށްވަނަ މައްދާގެ ދަށުން، މ. ބޯހުރާގެ ބައުންޑަރީ ކަނޑައަޅާނީ އެ ސާފް ޕޮއިންޓް ވަކިކުރުމަށް ފަހުގައެވެ..،" ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން މިރޭ ވަނީ ރިސޯޓު ހަދަން ކުއްޔަން ދޭން ނިންމި ތަންތަނުގެ ލިސްޓު ބޯހުރާ އުނިކުރުމަށްފަހު އަލުން އިއުލާންކޮށްފައެވެ. އަދި މިމަހުގެ ހަވަނަ ދުވަހު ބާއްވަން އޮތް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން މިމަހުގެ ހަތްވަނަ ދުވަހަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތަށް އެ ދުވަސް ބަދަލުކުރީ މިމަހުގެ ހަވަނަ ދުވަހު ރިޔާސީ ބަޔާން އިއްވާތީއެވެ.
ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީކުރަން ހުޅުވާލި ތަންތަނުގެ ބީލަން އަގަކީ 250،000 ޑޮލަރުން ފެށިގެން 2،250،000 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބީލަމުގެ އަގު އެންމެ ބޮޑީ މާލެ އަތޮޅުންނާއި ފ. އަތޮޅުން ރިސޯޓު ތަރައްގީ ކުރަން ހުޅުވާލި ތަންތަނުގައެވެ. އެންމެ ކުޑަ އަގެއް ދައްކަން ޖެހެނީ ރ. އަތޮޅު، މ. އަތޮޅުގައި ރިސޯޓު ތަރައްގީކުރަން ހުޅުވާލި ތަންތަނަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ތަންތަނަށް ބިޑު ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރީގެ ގޮތުގައި 50،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެއީ ނަން ރީފަންޑަބަލް ހުށަހެޅުމެއް ކަމަށެވެ.
- ހއ. އަލިދުއްފަރުފިނޮޅު - 350،000 ޑޮލަރު
- ހއ. މެދުފުށި - 875،000 ޑޮލަރު
- ހދ. ކުޑަފަރުފަސްގަނޑު - 200،000 ޑޮލަރު
- ރ. އެއްތިގިލި އަދި ރ. އަލިފުށި ފަޅުން 10 ހެކްޓަރު - 250،000 ޑޮލަރު
- ކ. ކާށީދޫ ފަޅުގެ ސަރަހައްދުން ބައެއް - 2،250،000 ޑޮލަރު
- ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް - 2،250،000 ޑޮލަރު
- ފ. ނިލަންދޫ ފަޅުގެ ސަރަހައްދުން ބައެއް - 2،250،000 ޑޮލަރު
- ތ. އޮޅުފުށިފިނޮޅު (އޮޅުފުށިފިނޮޅާއެކު) - 700،000 ޑޮލަރު
- ތ. އޮޅުފުށިފިނޮޅު - 700،000 ޑޮލަރު
- ގއ. ބޭރަމައުއްޑޫ - 431،200 ޑޮލަރު
- ގއ. ފުނަދޫވިލިގިއްލާ - 700،000 ޑޮލަރު
- ގދ. ހާދުއާ - 560،000 ޑޮލަރު
- ގދ. ކަޅެހުއްޓާ - 575،300 ޑޮލަރު
- ގދ. ފެރޭތަވިލިނގިލި، ދެކާނބާ، ކޮޑެރަޓާ (ކްލާސްޓާއެއްގެ ގޮތުގައި) - 700،000 ޑޮލަރު
- ގދ. ފެރޭތަވިލިނގިލި ކައިރީ އޮންނަ ފަޅުރަށެއް (ފެރޭތަވިލިނގިލިއާއެކު) - 700،000 ޑޮލަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު