މިއަހަރުގެ ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕޭނުގެ ބެނާތައް ނެގީ އުސޫލާ ހިލާފުވުމުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އުމަރު ވަނީ އޭނާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ފަށްޓަވައިފައެވެ. އޭނާގެ ކެމްޕޭން ޓީމުން ދަނީ ބައްދަލުވުންތައް ބާއްވައި މަގުމަތީގައި ބެނާ ހަރުކުރަމުންނެވެ. މާލެ އާއި ހުޅުމާލޭގައި ވަނީ އުމަރުގެ ކެމްޕޭން ބެނާތައް ހަރުކޮށްފައެވެ.
އުމަރު އޭނާގެ ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ކެމްޕޭން ޓީމުގެ ފަރާތުން ހުޅުމާލޭގައި ހަރުކުރި ބެނާތައް އެޗްޑީސީން ނަގާފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި ބެނާތައް ހަރުކުރެވޭނީ ދުވާލަކަށް 10 ރުފިޔާ ދެއްކުމުން ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
ނަމަވެސް މީގެ ދެ ހަފުތާކުރިން ދެ ކެންޑިޑޭޓަކު ހުޅުމާލޭގައި ބެނާތައް ހަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މިރޭ އެޗްޑީސީން ބުނީ، ހުޅުމާލޭގައި އިސްތިހާރު ޖެހުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ބެނާ ޖެހުމުގެ އުސޫލެއް ކަނޑައެޅުމަށްފަހު އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައިވާނެ ކަމަށެވެ.
"މި އުސޫލާ ހިލާފަށް މި ކޯޕަރޭޝަންގެ ހުއްދަ އަކާ ނުލައި ޖަހާފައިވާ މިފަދަ ތަކެތި މި ކޯޕަރޭޝަނުން ނަގަމުން ގެންދާނެ،" އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، އެ ކުންފުނިން ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން ހުއްދައަށް އެދުމުން އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު