މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރަން ނިންމީ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެންނެވެ. އެހެންކަމުން ބްރޯޑްކޮމްގެ މެމްބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިމަހުގެ އަށް ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މެމްބަރު ކަމަށް އެދޭ ފޯމާއި އިގުރާރުގެ އިތުރުން އެ މީހެއްގެ ކުށާއި ދަރަނީގެ ރެކޯޑު ފޯމު ހުށަހަޅަން ޖެހޭނެއެވެ.
ބްރޯޑްކަމުގެ މެމްބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބްރޯޑްކޮމްގެ މެމްބަރު އަމްޖަދު ވަހީދުގެ ދައުރު ހަމަވާތީއެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކުރިމަތިލުމަށްވެސް މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ. ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ނަން ރައީސް އޮފީހުން ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ލިސްޓު ފޮނުވާނީ ރައީސް އިސްކަން ދެއްވާ ތަރުތީބުންނެވެ. އަދި އެ ނަންތައް މަޖިލީހުން ދިރާސާ ކުރުމަށްފަހު އެ މަގާމަށް މީހަކު އައްޔަނުކުރަން ތަޅުމުގައި ވޯޓަށް އަހާނެއެވެ.
ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރާ ފަރާތް، ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ބްރޯޑްކޮމްގެ މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު