މާލޭ ސިޓީ ކައުންސިލުން ކަރަންޓު ބިލުތައް ނުދައްކާން ދެއްކޭނެ ބަހަނާއެއް ނެތް ކަމަށާއި އެ ފައިސާ ނުދައްކައިފި ނަމަ ސިޓީ ކައުންސިލުގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައި ހުރި މީޓަރުތަކުން އަދިވެސް ކަރަންޓު ކަނޑާލާނެކަމުގެ އިންޒާރު ސްޓެލްކޯއިން ދީފިއެވެ.
ކަރަންޓު ބިލުގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަންޖެހޭ 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން މިދިޔަ މަހުގެ ތެރޭގައި ސްޓެލްކޯއިން ވަނީ މާލޭ ސިޓީ ކައުންސިލުގެ ބައެއް އިމާރާތްތަކުން ކަރަންޓު ކަނޑާލައިފައެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، މިދިޔަ މަހުގެ ނިޔަލަށް ކަރަންޓު ބިލުގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 21.6 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އެ ބިލުތައް ނުދައްކާތީ އެ ކައުންސިލާއެކު ދެ ފަހަރެއްގެ މަތިން ބައްދަލުވުންތައް ބޭއްވި ކަމަށެވެ.
އެ ބައްދަލުވުންތަކުގައި ކަރަންޓު ބިލު ނުދައްކާ ސަބަބެއް ކަމަށް ސިޓީ ކައުންސިލުން ބުނީ ބިމު ކުލީގެ ގޮތުގައި ސްޓެލްކޯއިން އެ ކައުންސިލަށް ދައްކަންޖެހޭ 68 މިލިއަން ރުފިޔާ ނުދައްކާ އޮތުން ކަމަށާއި ނަމަވެސް އެ ފައިސާ، ސްޓެލްކޯގެ ފަރާތުން މީރާއަށް ދައްކާފައިވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
"އެެހެންކަމުން ސިޓީ ކައުންސިލަށް އަޅުގަނޑުމެންގެ މި ހިދުމަތްގެ ބޭނުންކޮށްފައި އެ ހިދުމަތުގެ އަގު ދައްކަން ނުޖެހޭނެ އެއްވެސް ބަހަނާއެއް ނެތް. އެހެންކަމުން އަޅުގަނޑު ގޮވާލާނީ ސިޓީ ކައުންސިލުން ޕްރެސްތަކަށް އަރައި ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. އަވަހަށް ބިލު ދައްކަވާ، ބިލު ދައްކަވާ، އެހެންނޫނިއްޔާމު ކުރިމަގުގައި އަދިވެސް ކަރަންޓް ކަނޑާލާނަން،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ކަރަންޓު ބިލުތައް އެއްފަހަރާ ނުދެއްކޭ ނަމަ މަސް މަހަށް ބަހާލައިގެން ދެއްކޭނެ ގޮތުގެ ޝެޑިއުލެއް ދިނުމަށް އެދި އެ ކައުންސިލުގައި އެދުނު ކަމަށާއި ނަމަވެސް އެކަމަށްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެެވެ.
"އެބޭފުޅުންގެ ހަރުކަށިކަމާއި ގޮތްދޫނުކުރުމާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވާތީ އެކަމަށް ހައްލެއް ހޯދަން ބޭނުންކުރާ މިންވަރު މިއީ" ޝަރީފު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ޖެއްސުންކުރާކަން ފާހަގަކޮށް ޝަރީފު ވިދާޅުވީ، ސްޓެލްކޯގެ ފަރާތުން ސިޓީ ކައުންސިލުގައި އެދޭ ކަންކަމަށް އެ ކައުންސިލުން އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ. އެގޮތުން ކައުންސިލުގެ ބިންތަކުގައި ހުރި ސްޓެލްކޯގެ ޓްރާސްފޯމަރުތައް ބޮޑުކުރުމުގެ ހުއްދަ އެ ކައުންސިލުން ދީފައިނުވާކަން ފާހަގަކުރެއްވިއެވެ.
"އެކަމުގައި ސިޓީ ކައުންސިލުގެ ގޮތް ދޫނުކުރުމާއި އަޅުގަނޑުމެންނަށް ތާށިކުރުމާއި އަޅުގަނޑުމެންނަށް ތާށިކުރުމުގެ މާނައަކީ ހަގީގަތުގައި ސިޓީ ކައުންސިލް މި ބޭނުންކުރަނީ ސިޔާސީ ގޮތުން ހަތިޔާރެއްގެ ގޮތުގައި ރައްޔިތުން ރުޅިއަރުވައި ސަރުކާރާއި ރައްޔިތުން ޖެއްސުމަށް ބޭނުންކުރާ ޓޫލެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ," ޝަރީފު ވިދާޅުވިއެވެ.