އަހަރެމެން ގިނަ ދިވެހީންނަކީ އިނގެރޭސިން ވާހަކަ ދައްކަން ފަރިތަ ބައެކެވެ. ރާއްޖޭގެ ބޮޑު އާބާދީއެއް އިނގެރޭސިން ލިޔަން އަދި ވާހަކަ ދައްކަން ދަސްކޮށްފައިވާ ކަމީ ދިވެހިން ހޯދި ބޮޑު ކާމިޔާބެކެވެ. އެހެން ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އިނގެރޭސިން ލިޔާ ލިޔުން ތަކުގައި ކުށްގިނަ ބައެކޭ ބުނެވިދާނެއެވެ. ހާއްސަކޮށް ޕުރައިމަރީ ތައުލީމު އެންމެ ފުރިހަމައަށް ލިބިފައި ނެތް، އަދި އިނގެރޭސި މީޑިއަމަށް ކިޔަވަން ފެށި ޒަމާނަށްވުރެ ދޮށީ އުމުރުގެ މީހުންވެސް ގިނަ ވުމަކީ އިނގެރޭސީ ދަސްނުވި ސަބަބަށް ވެދާނެއެވެ.

އެހެން ކަމުން އަހަރެމެން އިނގެރޭސިން ލިޔާ ލިޔުންތަކުގައި، ލިޔުމުގެ ހަމަތަކާއި ބަސްތަކުގެ ތަރުތީބުތައް އެންމެ ފުރިހަމަ ނުވެދާނެއެވެ. އެހެން ނަމަވެސް މިއަދު މި ހުރިހާ ކަމަކަށް ވަނީ ފަސޭހަ ހައްލުތައް ލިބިފައެވެ. އެ ގޮތުން އިނގެރޭސިން ލިޔާއިރު ހުންނަ ކުށްތައް ފިލުވައިދޭ ފަސޭހަ ވެބްސައިޓަކީ ގުރެމަލީ އެޕްލިކޭޝަނެވެ. ނުވަތަ ގުރެމަލީ ނަމަކަށް ކިޔާ އޮންލައިން ވެބްސައިޓެކެވެ.

ގްރެމަރީ އަކީ އެމެރިކާގެ ކުންފުންޏަކުން އުފެއްދި ކްލައުޑް ބޭސްޑް، އޮންލައިން ވެބްސައިޓެކެވެ. އެ ވެބްސައިޓުން ކޮށްދޭ ކަމަކީ އިނގިރޭސި ލިޔުންތަކުގައި ހުންނަ ކުށްތައް ރަނގަޅުކޮށް ޕަންޗުއޭޝަން، ސާފުކަން، ޖުމުލަތައް ތަރުތީބު ކޮށްދީ އަދި ޑެލިވަރީ ގޯސްތައް މުރާޖައާކޮށް، ނަކަލުކޮށްފައިވާ ލިޔުމެއް ނަމަ އެކަންވެސް ފާހަގަކޮށްދިނުމެވެ. އަދި އެވަރަކުން ނުފުދެއެވެ. މަތީގައި މި ބުނެވުނު ކުށްތައް ފާހަގަކޮށް އެ ގޯސްތަކުގެ ބަދަލުގައި ބޭނުންކުރުމަށް އެންމެ ރަނގަޅު ބަސްތަކާއި ތަރުތީބާއި އަދި އެބަސްތައް އަތުރަންވީ ގޮތުގެ ރަނގަޅު ލަފާވެސް ދެއެވެ.

މި ބޭނުންތެރި ގްރެމަލީ ވެބްސައިޓް ތައާރަފުކުރީ 2009 ވަނަ އަހަރު އެލެކްސް ޝެވްޗެންކޯ، މެކްސް ލިޓްވިން، އަދި ޑިމައިޓްރޯ ލިޑަރ އެވެ. އެއީ ޑެސްކްޓޮޕް ޕްރޮގްރާމްތަކާ އެކު ބޭނުންކުރުމަށް ސްޓެންޑަލޯން އެޕްލިކޭޝަނެއްގެ ގޮތުގައި، ގޫގުލް ޑޮކްސްއަށް އޮޕްޓިމައިޒް ކޮށްފައިވާ ބްރައުޒާ އެކްސްޓެންޝަނެއްގެ ގޮތުގައި ތައާރަފުކުރި އެޕްލިކޭޝަނެކެވެ. ސްމާޓްފޯން ކީބޯޑެއްގެ ގޮތުގައި ލިބެން ހުންނަ އެޕްލިކޭޝަނެއް ވެސް މެއެވެ.

ގިނަބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ، މި ބޭނުން ތެރި އެޕްލިކޭޝަން ވެބްސައިޓަކީ ގްރެމަލީ އިންކް ކުންފުނީގެ އުފެއްދުމެކެވެ. އަދި އެމެރިކާގެ ކެލިފޯނިއާގެ ސެން ފްރެންސިސްކޯގައި މައި އޮފީސް ހުންނަ މި ކުންފުނީގެ އެހެން އޮފީސްތައް ނިއުޔޯކް ސިޓީގެ އިތުރުން ވެންކޫވަރ، އަދި ބާލިންގައިވެސް ހުރެއެވެ.

ގްރެމަލީ ފުރަތަމަ ފަރުމާކޮށްފައިވަނީ ޔުނިވަރސިޓީ ދަރިވަރުންނަށް އިނގިރޭސި ބަހުގެ ހުނަރު އިތުރުކުރުމަށް އެހީތެރިވުމަށް ތައުލީމީ އެޕްލިކޭޝަނެއްގެ ގޮތުގަ އެވެ. ފަހުން އެއީ އާންމު ދިރިއުޅުމުގައި އިނގިރޭސި ބަސް ބޭނުންކުރަން ދަތި ފަރާތްތަކަށް ހިލޭ ލިބޭ ގޮތަށް ދޫކޮށްފައިވާ އެޕްލިކޭޝަނަކަށް ވަނީ ބަދަލު ކޮށްފައެވެ.