އެޕަލްގެ އެންމެ އީޖާދީ އުފެއްދުންތައް ފެނިގެން ދިޔައީ އެ ކުންފުނީގެ ބާނީ ސްޓީވް ޖޮބްސްގެ ހަޔާތުގައި ކަމަށް ގިނަ ބަޔަކު ބުނަނީ ސަބަބުތަކެއް ހުރެގެންނެވެ. ސްޓީވް ޖޮބްސް ކެންސަރު ބަލީގައި މިދުނިޔެ ދޫކުރި ފަހުން އެ ފަދަ އުފެއްދުންތަކެއް ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނިން ނެރެވޭ ތަނެއް އަދިވެސް ނުފެނެއެވެ.
ދުނިޔޭގެ އެންމެ ތުނި ނޯޓްބުކް ނުވަތަ ލެޕްޓޮޕް އުފައްދައި ދެ އަތުގެ އިންގިލި ތަކުން ލިޔެލުމަށް އެންމެ ހެޔޮވަރު ބޮޑުމިނުގައި ކީބޯޑު ހިމަނައިގެން އަދި 13 އިންޗީގެ ޑިސްޕްލޭއަކާއި އެކު މަޝަހޫރު (މެކްބުކް އެއާ) ނެރެފައިވަނީ ޖެނުއަރީ 2008 ގައެވެ. އޭ ފޯ ސައިޒުގެ ސިޓީ އުރައެއްގެ ތެރެއިން ނެރެ އާންމުންނަށް ދައްކާލުމުން ގިނަ ބަޔަކަށް އެކަން ގަބޫލުކުރަން ދަތިވިއެވެ. އެއީ ފުލް ސައިޒް ކީބޯޑަކާއި ޑިސްޕްލޭއެއް އެކުލެވޭ ހައި ޕާފޯމަންސް ނޯޓްބުކެއް ކަމަށް ނުވަތަ އާންމު ބަހުން ބުނާ ލެޕްޓޮޕެއް ކަމަށް ބުނުމުންވެސް ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެކެވެ.
ތޭރަ އިންޗީގެ މެކްބުކް އެއާގައި މެޝިނުގެ ވާތްފަރާތުގައި ފްލިޕް ޑައުން ޓްރޭއެއް ހުރިކަމާއި، ޕެންޑުރައިވް ޖެހޭ ޔޫއެސްބީ ޕޯޓަކާއި ހެޑްފޯނު ޖެކާއި ބޭރު ޑިސްޕްލޭއެއް ގުޅުވުމަށް މައިކްރޯ ޑީވީއައި ޕޯޓެއް ވެސް ހިމެނޭ އެހާ ތުނި ލެޕްޓޮޕެއް ހެދިދާނެ ކަމަށް އޭގެ ކުރިން ގަބޫލުވެސް ނުކުރެވެއެވެ. އެއީ މަލްޓި ޓަޗް ޓްރެކްޕެޑަކާއި، ސީޑީ/ޑީވީޑީ ޑްރައިވެއް ނެތް، އަދި އެސްއެސްޑީ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ވެސް އެކުލެވޭ އެޕަލްގެ ފުރަތަމަ ނޯޓްބުކްކަން ޔަފީންވީ އެ އަތުގައި ޖެހުމުންނެވެ. އެމެރިކާގައި 1.6 ގިގަހަޒްގެ އިންޓެލް ކޯ 2 ޑިއޯ ޕްރޮސެސަރާއި 2ޖީބީގެ ރެމް އަދި 80ޖީބީގެ ހާޑް ޑްރައިވާ އެކު އޭރު ވިއްކާ އަގު ފެށީ 1،799 ޑޮލަރުންނެވެ.
އީޖާދީ އާ އުފެއްދުންތަކެއް ސްޓީވް ޖޮބްސް ނެތި ނުނެރެވޭ ކަމަށް ބުނާ ސަބަބަކީ އެޕަލް ކުންފުނިން މި އުފެއްދުން ތަކުގެ ފެންވަރު ނުވަތަ ހާޑްވެއަރ މަތިކޮށްގެން ވިޔަފާރި ކުރުން ނޫން އެހެން ކަމެއް އަދި މިހާތަނަށް ވެސް ކުރެވިފައި ނެތުމުންނެވެ. ގިނަ ބަޔަކު ދެކެނީ މިހާރު އެޕަލް ކުންފުނީ ކުރާ ކަމަކީ ކުރިން ވެސް ހުރި އުފެއްދުންތައް ހިފައިގެން އެ ވިއްކަން އުޅުމެވެ. އެ ގޮތުން އެޕަލް އިން މިދިޔަ ޖުލައި މަހު އެމް2 ޗިޕް އާއި އެކު މުޅިން ރީޑިޒައިން ކޮށްފައިވާ މެކްބުކް އެއާއެއް ނެރުނުއިރު، އެމް1 ޗިޕް އާއި އެކު ކުރީގެ ވަރޝަނެއް ވެސް ވިއްކަމުންދާތީ އެވެ.
އެޕަލް ސިލިކަން ޗިޕްތަކުގެ ޕަވަރ އެފިޝަންސީއަށް ބަލާއިރު، މެކްބުކް އެއާގައި މިހާރު ފަންކާއެއް ނެތެވެ. އަސްލު މެކްބުކް އެއާގެ އެންމެ ތުނި ހިސާބުގައި 0.16 އިންޗި އަދި އެންމެ ބޯ ހިސާބުގައި 0.76 އިންޗި ހުންނައިރު، އެންމެ ފަހުގެ މެކްބުކް އެއާގެ ޑިޒައިން މާ ފްލެޓްކޮށް އެއްވަރެއްގެ ބޯމިނުގައި، 0.44 އިންޗިއަށް ބަދަލުކުރިއެވެ. ހަމަ އެކަނި ތަފާތުވި ކަމަކީ ބައްޓަމެވެ.
މި ހުރިހާ ފާޑުކިޔުންތަކާއި އެކު މިއަހަރަކީ އެޕަލްގެ އާ އުފެއްދުމެއް ކަމަށްވާ ވީއާރު ހެޑްސެޓް ނެރޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ އަހަރެކެވެ. ދުނިޔޭގެ އެތައް ކުންފުނިތަކަކުން ވީއާރު ހެޑްސެޓްތައް ނެރެ ވިއްކަމުން އަންނައިރު އެޕަލް ކުންފުނިން ނެރޭ ހެޑްސެޓްގެ ކުޅަދާނަކަން ހުރި މިންވަރު އެނގިގެންދާނީ ސްޓީވް ޖޮބްސް ނެތި ނެރޭ ފުރަތަަމަ އާ އުފެއްދުން ނިކުތުމުންނެވެ. މި އަހަރުގެ މެދު ތެރޭގައި މި އާ އުފެއްދުން ބޭނުންކޮށްލަން ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ