ސަރުކާރު ކުންފުނިތަކުގެ ކޮރަޕްޝަން ހުއްޓުވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޕީސީބީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޯޑުގެ ރައީސް އާސިމް މުހައްމަދެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް އާދަމް ޝަމީލެވެ.
އޭސީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން އެ ދެ އިދާރާއަށް ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކާއި ދައުލަތް ބައިވެރިވާ ކުންފުނިތަކަށް ތުހުމަތުކޮށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގުތަކުގެ ބޭނުމަށް ލިޔެކިޔުންތަކާއި މައޫލޫމާތު ހޯދުމުގައި އެ އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އޭސީސީގެ ރިކޮމެންޑޭޝަންތައް ތަންފީޒުކުރުމަށާއި ތަމްރީނު ޕްރޮގުރާމުތައް ހިންގުމުގައި ދެ އިދާރާ ގުޅިގެން އަމަލުކުރާނެ ގޮތްތައް ކަނޑައެޅުން ހިމެނޭ ކަމަށް އޭސީސީން ބުންޏެވެ.
އެ އެއްބަސްވުމާ ގުޅިގެން އޭސީސީގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުންފުނިތަކާ ގުޅޭ ގޮތުން 883 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު 158 އެންގުމެއް އިސްލާހުކުރަން ކުންފުނިތަކަށް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ތޯހާ ވިދާޅުވި ގޮތުގައި، އެއްބަސްވުމުގެ ދަށުން އޭސީސީގެ ތަހުގީގުތަކުގައި އެއްބާރުލުން ދިނުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހި، ކުންފުނިތަކުގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހިއްސާކުރުމަށް އެހީވެދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު