އައްޑޫ ސިޓީ ރުއްޖެހެރެ ސަރަހައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑައި، އެ ސަރަހައްދުގައި ފެންގަނޑެއް ކޮނުމާއި އަދި ގޮނޑުދޮށަށް ވެލި އެޅުމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރުއްޖެހެރެ ސަރަހައްދުން ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމާއި ފެންގަނޑެއް ކޮނުނުމުގެ އިތުރުން ގޮނޑުދޮށަށް ވެލި އެޅުމާ ގުޅޭގޮތުން ލިބުނު ޝަކުވާއާ ގުޅިގެން ބެލިއިރު، 17818.09 އަކަ މީޓަރުގެ ބިން ސާފުކޮށް އަދި އެ ސަރަހައްދުން 1712.26 ކޮޑިމީޓަރުގެ ވެލި ނަގައިގެން ހިތެއްގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާ ކަމަށެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 އާއި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އައްޑޫ ސިޓީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ޖުމްލަ 30,897,955 ރުފިޔާ އިން އައްޑޫ ސިޓީ ކައުންސިލް އިދާރާ ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މި މަހުގެ 30 ވަނަ ދުވަހު އެކައުންސިލަށް އީޕީއޭއިން ވަނީ އަންގައިފައެވެ.

މީގެ ކުރިންވެސް ބައެއް ރަށްތަކުގެ ކައުންސިލްތަކުން ގަވާއިދާ ހިލާފަށް ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ މައްސަލަތައް ބަލައި އެ ކައުންސިލްތައް ވަނީ ޖޫރިމަނާކޮށްފައެވެ.