ނ. ކެނދިވަރާއި އެ އަތޮޅު ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުން މަޑުޖައްސާލައި އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިންމުމުގެ ކުރިން އެ ދެ ރަށް އެއްވެސް ފަރާތަކާ ހަވާލު ނުކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.
އެ ދެ ރަށުގެ މައްސަލައިގައި ނ. އަތޮޅު ކައުންސިލުން ރައީސް އޮފީހުގެ މައްޗަށް ކޮށްފައިވާ ދައުވާގައި، އަމުރު ނެރެދޭން އެދުނީ އެ ދެ ރަށް ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ނިންމުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނާ ހިލާފަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށް ބުނެއެވެ.
ކައުންސިލުންކޮށްފައިވާ ދައުވާގައި ބުނެފައިވަނީ އެ ދެރަށް، ޓޫރިޒަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ސިންގަލް ޕާސަނަލް އުސޫލުން ވަކި ފަރާތްތަކަކަށް އެކަނި ބޭނުންކުރެވޭ ގޮތަށް ދިގު މުއްދަތަކަށް ދީފައިވުމުން އަތޮޅުގެ ރައްޔިތުންނަށް އެކަމުގެ މަންފާއެއް ނުކުރާ ކަމަށެވެ.
ދައުވާއަށް ޖަވާބުދާރީވަމުން ދައުލަތުން ބުނެފައިވަނީ ކެނދިވަރަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު، ދަމަކް އޯޝަން ހައިޓްސް ކޮމްޕެނީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށަކަށްވުމުން، އެ ރަށަކީ ތިން ވަނަ ފަރާތެއްގެ ހައްގު ހިމެނޭ ތަނެއް ކަމަށެވެ. އަދި އެކަމަށް ރިއާޔަތްނުކޮށް ވަގުތީ އަމުރެއް ނެރެފިނަމަ، ދައުލަތަށާއި އެ ކުންފުންޏަށްވެސް މާލީ ގެއްލުންތަކެއްވާނެ ކަމަށެވެ.
ދައުލަތުން ބުނީ، ދޮނަހިރިކަނޑޫދު އަކީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހަދައި ހިންގުމަށް ސަރުކާރާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާ ދެމެދު 12 ޑިސެމްބަރު 2017 ގައި ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ދޭން ނިންމާފައިވާ ރަށެކެވެ.
އެ މައްސަލައިގައި ދައުލަތާއި ނ. އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކުރައްވައި ގާޒީ އިބްރާހިމް އިސްމާއިލް އިއްޔެ ނިންމެވީ، ކައުންސިލް އެދިފައިވާ އަމުރު ނެރެދެވެން ނެތް ކަމަށެވެ.