ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން، އެކަމާ މެދު އަލުން ވިސްނައިވަޑައިގަތުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު އެދިވަޑައިގެންފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކޮށް ނާކާމިޔާބުވެވަޑައިގަތް، ނަޝީދު މިއަދު ވަނީ އެ މަނިކުފާނުގެ "ސްޓޭންޑް" ހާމަކުރައްވައިފައެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު ރައީސް ސޯލިހާއެކު އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށެވެ.
އެހެންވެ، "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައި އަލުން ހަދައި، އެމްޑީޕީން ކަނޑާލި 39،000 އަށް ވުރެ ގިނަ މެންބަރުން އަލުން ޕާޓީއާ ގުޅި، އެ މީހުންނާއެކު ރިޔާސީ އިންތިހާބުގައި ގޮތެއް ނިންމެވުމަށް ނަޝީދު ހުށަހެޅުއްވިއެވެ.
އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ، ޕާޓީގެ އުސޫލުތަކާއި ގަވާއިދުތައް ރައީސް ނަޝީދަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.
"އަލުން ތިކަމާމެދު ވިސްނާލެއްވުމަށް އެދެން. ޕާޓީގެ އުސޫލާ ގަވާއިދު ބަދަލުކޮށް ތިގޮތަށް ކަންކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ނަޝީދުގެ މެސެޖަށް ރައްދުދެއްވަމުން ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރާ ފަރާތަކީ ޕާޓީގެ ކެންޑިޑޭޓްކަން އެ ޕާޓީގެ އަސާސީ ގަވައިދުގައި ކަނޑައަޅާފައި އޮވެއެވެ. ނަމަވެސް ނަޝީދަށް ތާއީދުކުރައްވާ ގިނަ ފަރާތްތަކުން ވަނީ ޕްރައިމަރީ އޮޅުވާލައިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު