ޚަބަރު

މަންދޫބުންގެ ފާސް އަޅައިގެން ތިބި ޕީޕީއެމްގެ ބަޔަކު ފީވަކުގައި ވޯޓުލުން ހުއްޓުވަން އުޅުނު: އިބުރޭ

އިބްރާހިމް ޒަކީ

ށ. ފީވަކުގައި ވޯޓުލުން ކުރިއަށް ގެންދިޔަ ނުދޭން، ކެންޑިޑޭޓުންގެ މަންދޫބުންނަށް ދޫކުރި ފާސް ހިފައިގެން، ޕީޕީއެމްގެ ދެ މެންބަރުން މަސައްކަތް ކުރި ކަމަށް އެމްޑީޕީގެ އިންތިހާބީ ކޮމިޓީގެ މެމްބަރު އަދި އެ ޕާޓީގެ ޗެއާޕާސަންގެ ނާއިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އިއްޔެ ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިބުރޭ ވިދާޅުވީ، އެ ޝަކުވާ ހުށަހެޅީ އިންތިހާބުގައި ވާދަކުރެއްވި އެއް ކެންޑިޑޭޓުގެ ފަރާތުން ކަމަށެވެ. ނަމަވެސް ޝަކުވާ ހުށަހަޅާފައިވަނީ ކޮން ކެންޑިޑޭޓެއްގެ ފަރާތުން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

އިބުރޭ ވިދާޅުވީ، އެ ފާސް ހިފައިގެން ޕީޕީއެމްގެ ދެ މީހަކު ވަދެ ވޯޓުލުން ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ބުނެ ވޯޓުފޮށި ބަންދުކުރި ކަމަށެވެ. އެހެންވެ ފީވަކުގައި ވޯޓުލާން ފެށުން ލަސްވި ކަމަށާއި އެއީ އެމްޑީޕީގެ މެންބަރުންނަށް ނުވާތީ، އެ މީހުން އެތަނުން ނެރެން ޖެހުނީ ފުލުހުންގެ ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެހެން ޕާޓީއެއްގެ ބަޔަކު އައިސް އެމްޑީޕީގެ އިންތިހާބުގެ ތެރެއަށް ވަދެ ގަޑުބަޑުކުރަން އުޅުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އިންތިހާބު ގަޑުބަޑުކުރަން އެމްޑީޕީގެ މެންބަރުންވެސް ބޭނުންކޮށްފައިވާ ކަމަށާއި އެ ކަންތައްތަކުގައި ޕާޓީގެ ބައެއް މެންބަރުން ބައިވެރިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިބުރޭ ވިދާޅުވީ، އެ ކަންތައްތަކުގެ މައުލޫމާތު އިތުރަށް ސާފުކުރަމުންދާ ކަމަށާއި އެ ކަންތައްތަކުގައި ބައިވެރިވި އެމްޑީޕީ މެންބަރުންނަށް ފިޔަވަޅު އެޅުމަށް އެދި، އިންތިހާބާބެހޭ ކޮމިޓީން ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް އެހެން ޕާޓީއެއްގެ މެންބަރަކާމެދު އެ ޕާޓީއަށް ފިޔަވަޅު އެޅޭނެ ގޮތެއް ނޯންނާތީ، އެފަދަ މައްސަަލަތަކުގައި ޖިނާއީ ކުށެއް ހިމެނޭ ނަމަ އެ ތަހުގީގު ކުރުމަކީ ފުލުހުންގެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީ މެންބަރުންނަކީ އެއްވެސް ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގެ ތެރެއަށް ވަދެ ގަޑުބަޑު ކުރަން އުޅޭނެ ބައެއް ނޫން ކަމަށާއި އެ ޕާޓީގެ އިންތިހާބު ތެރެއަށް އެހެން ޕާޓީތަކުން ވަނުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.